logo
logo
ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

2025 މާރިޗު 11
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މަރުކަޒީ ބޭންކް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަަހުމަދު އިމާދު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މިއަދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދު އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ. 

ލަތީފް ހުށަހެޅުއްވި އެ މައްސަލާގައި ބުނެފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކޮށް ހުންނެވިއިރު، އެކަންކަން ފާހަގަ ކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދު މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އޭނާ މަގާމުން ވަކި ކުރުމަށް ރައީސަށް ހުށަހަޅަން ނިންމީ ގާނޫނުން އޭނާއަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިވާތީ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

އިމާދު ވަކިކުރުން ރަނގަޅުކަން ފާހަގަ ކުރައްވައި މިއަދުގެ ކޮމިޓީގައި ވާހަކަ ދެއްކެވި މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ޑެޕިއުޓީ ގަވަރުނަރަކީ މިހާރުގެ އެމްއެމްއޭގެ ގަވަރުނަރާ އެއް ސިޔާސަތެއްގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެއްވޭނޭ ބޭފުޅަކަށް ވާން ޖެހޭ ކަމަށެވެ. 

އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ. އެ މަގާމަށް ބޭފުޅުން އައްޔަންކޮށް، ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ. 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް