logo
logo
މަހުން މަހަށް ރަސްމީ ރިޒާވަށް 50 މިލިޔަން ޑޮލަރުގެ އިތުރުވުމެއް!

މަހުން މަހަށް ރަސްމީ ރިޒާވަށް 50 މިލިޔަން ޑޮލަރުގެ އިތުރުވުމެއް!

2025 އޮކްޓޯބަރު 14
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 860 މިލިޔަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު 50 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އޯގަސްޓް މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ، 810.05 މިލިޔަން ޑޮލަރެވެ. މިއަދަދު މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުވިއިރު، ސެޕެމްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވުގައި ހުރީ 859.46 މިލިޔަން ޑޮލަރެވެ. މިއީ މަހުން މަހަށް އަޅާކިޔާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ، 194.35 މިލިޔަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ. އޮގަސްޓް މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި 188.64 މިލިޔަން ޑޮލަރު ހުރިއިރު، މިއީ މަހުން މަހަށް ބަލާއިރު 3 އިންސައްތަ އިތުރުވުމެކެވެ.

ރާއްޖޭގެ ރިޒާވު ޚަރުދަނާކޮށް ރިޒާވުގައި ހުރި މިންވަރު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކޮށްފައެވެ. މިގޮތުން ބޭރުފައިސާގެ އައު ޤާނޫނު ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ ތެރެއިން 60 އިންސައްތަ ރިޒާވް ހަރުދަނާ ކުރުމަށް އެމްއެމްއޭއިން ދަނީ ބޭނުންކުރުމުންނެވެ.

ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން ޖެހެނީ މިއަހަރާއި، އަންނަ އަހަރުގައެވެ. އަންނަ އަހަރު ދަރަންޏަށް ބޮޑު އަދަދެއް ދައްކަންޖެހޭ އިރު ރިޒާވް ހަރުދަނާވުމަކީ ދަރަނިތައް ދެއްކުމަށް ލިބިގެންދާ ލުޔެއް ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް