logologologologo
STO
ޚަބަރު

ވިޔަފާރިތަކުގެ ޖުމްލަ ހިންގުން ކުރިއަށްވުރެ ރަނގަޅުކަމަށް ބިޒްނަސް ސާވޭއިން ދައްކައިފި

ވިޔަފާރިތަކުގެ ޖުމްލަ ހިންގުން ކުރިއަށްވުރެ ރަނގަޅުކަމަށް ބިޒްނަސް ސާވޭއިން ދައްކައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 10

ރާއްޖޭގެ ވިޔަފާރިތަކުގެ ޖުމްލަ ހިންގުން ކުރިއަށްވުރެ ރަނގަޅުކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ކުއާޓަލީ ބިޒްނަސް ސާވޭ ރިޕޯޓުން ދައްކައިފިއެވެ.

މި ސާވޭއަކީ ރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ދާއިރާތަކުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންގެ ޚިޔާލަށް ބަލައިގެން އެމްއެމްއޭއިން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ސާވޭ ކުރިއަށް ގެންގޮސްފައިވަނީ 29 މާޗް 2026 އިން 18 އެޕްރީލް 2026 ގެ ނިޔަލަށެވެ.

​މި ރިޕޯޓަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ގިނަ ދާއިރާތަކެއްގެ ވިޔަފާރިތަކުގެ ހިންގުން ވަނީ ކުރިއަށްވުރެ ރަނގަޅުވެފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި، ސަޕްލައި ޗެއިނަށް ދިމާވާ ހުރަސްތަކުގެ ސަބަބުން ދެވަނަ ކުއާޓާއަށް ވިޔަފާރިވެރިން ކުރާ އުންމީދުތައް ނުވަތަ ލަފާކުރުންތައް ވަނީ ދަށްވެފައެވެ.

އަހަރުގެ ފުރަތަމަ ކުއާޓާގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވީ ނަމަވެސް، ކުރީގެ ކުއާޓާތަކާ އަޅާބަލާއިރު ކުރިއެރުމުގެ ދުވެލި ވަނީ ކުޑަކޮށް ލަސްވެފައެވެ. މުވައްޒަފުންގެ އަދަދު ދައްކައިދޭ އިންޑެކްސްއިން އެނގޭ ގޮތުގައި، ސާވޭކުރެވުނު ހުރިހާ ދާއިރާއެއްގައިވެސް ޖުމްލަގޮތެއްގައި ވަޒީފާގެ ފުރުސަތުތައް ވަނީ އިތުރުވެފައެވެ.

​ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން ވަނީ ފުރަތަމަ ކުއާޓާގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ފަތުރުވެރިކަމާއި އިމާރާތްކުރުމުގެ ދާއިރާއަށްވުރެ ބާރުމިނެއްގައި މި ދާއިރާއިން އާ މުވައްޒަފުން ރެކްރޫޓްކޮށް، ވަޒީފާގެ ފުރުސަތުތައް އިތުރުކުރިއެވެ. ​މުދާ ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން، ވިޔަފާރިވެރިން ވަނީ މުދާ ވިއްކާ އަގުތައް ވެސް މަތިކޮށްފައެވެ. ދެވަނަ ކުއާޓާގައިވެސް އަގުތައް މަތިވަމުންދާނެ ކަމަށް ލަފާކުރެވެއެވެ.

ފުރަތަމަ ކުއާޓާގައި ވިޔަފާރީގެ ހިންގުން ދަށަށްދިޔަ ހަމައެކަނި ދާއިރާއަކީ އިމާރާތްކުރުމުގެ ދާއިރާއެވެ. ދެވަނަ ކުއާޓާގައިވެސް މި ދާއިރާ އިތުރަށް ބަލިކަށިވާނެ ކަމަށް ބެލެވެއެވެ. މީގެ މައިގަނޑު ސަބަބަކީ "ސްޓްރެއިޓް އޮފް ހޮރްމުޒް" ބަންދުވުމާ ގުޅިގެން މުދާ އެތެރެކުރުމަށް ދިމާވި ބުރޫއެރުންތަކުގެ އަސަރެވެ. އެގޮތުން 61 އިންސައްތަ އިމާރާތްކުރާ ކުންފުނިތަކަށް ވަނީ މިކަމުގެ އަސަރުކޮށްފައެވެ.

​ޖުމްލަގޮތެއްގައި ބަލާއިރު، އިޤްތިޞާދީ ހިންގުން ރަނގަޅު ނަމަވެސް، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލުމާއި މުދާ ލިބުމުގެ ދަތިކަން ވިޔަފާރިތަކަށް ބޮޑު ގޮންޖެހުމަކަށް މިހާރު ވަނީ ވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް