އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށާނެ: އައިއެމްއެފް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މަޑުޖެހިފައި އޮތް ރާއްޖޭގެ އިގުތިސާދު އަންނަ އަހަރުން ފެށިގެން އާންމު ހާލަތަށް ރުޖޫއަވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ލަފާކޮށްފިއެވެ.
މި މަހުގެ 4 އިން 14 އަށް ރާއްޖެއަށް ޒިޔާރަތްކުރި އައިއެމްއެފްގެ ވަަފުދުން ނެރުނު ރިޕޯޓުގައިވާ ގޮތުން، މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ސަބަބުން ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމަށް ކުރި ނޭދެވޭ އަސަރުތަކާއެކު، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ އެއް ޕަސެންޓުގައެވެ. ނަމަވެސް އަންނަ އަހަރު އިގުތިސާދު ރަނގަޅުވާން ފަށައި، މެދުރާސްތާގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވޭ ހަތަރު ޕަސެންޓުގެ މިންގަނޑަށް ރުޖޫއަވާނެއެވެ.
އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ސުކޫކު ބޮންޑާއެކު ބޭރުގެ ބޮޑެތި ދަރަނިތަކެއް އަނބުރާ ދެއްކުމުން ކައިރި މުސްތަގުބަލެއްގައި ޑިފޯލްޓުވުމުގެ (ދަރަނި ނުދެއްކޭ ހާލަތަށް ދިއުމުގެ) ބިރު ކުޑަވެފައިވީ ނަމަވެސް، ދަރަނި ދެއްކުމުގެ ގާބިލުކަމުގެ ހިރާސްތައް އަދިވެސް ވަރަށް ބޮޑެވެ. ޚާއްޞަކޮށް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމުގެ ސަބަބުން، އިމްޕޯޓަށް ކުރާ ހޭދަ އިތުރުވެ، ކަރަންޓު އެކައުންޓު ޑެފިސިޓު އިތުރަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިފަދަ ނުރައްކާތަކުން ސަލާމަތްވެ، ދިގުރާސްތާގައި އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި މާލީ އޮނިގަނޑަށް އިސްލާހު ގެނައުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ވިޔަފާރީގެ މާހައުލު ރަނގަޅުކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އެކަށީގެންވާފަދަ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށް އައިއެމްއެފުން ބުންޏެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރަމުންދިއުމަކީ ބޭރުގެ މާކެޓުތަކަށް ބަރޯސާވުން އިތުރުވެ، މުސްތަގުބަލުގައި އިގްތިސާދަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށްޓަކައި ގާނޫނީ އަދި އިދާރީ ހިންގުން ހަރުދަނާކުރުން މުހިންމުކަން ފާހަގަކުރަމުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އައިއެމްއެފުން ވަނީ މަރުހަބާ ކިޔާފައެވެ. އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ތެލުގެ އަގު އުފުލޭ ދަނޑިވަޅުތަކުގައި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.
ދައުލަތުގެ ދަރަނި ކުޑަކުރުމަށްޓަކައި މިދިޔަ އަހަރު ފެށި އިސްލާހީ ޕްރޮގްރާމްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އައިއެމްއެފުން ވަނީ އިރުޝާދު ދީފައެވެ. މީގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ އިތުރުން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެހެން ސަބްސިޑީގެ ނިޒާމު މުރާޖައާކުރުން ހިމެނެއެވެ. އައިއެމްއެފުން ނިންމާލަމުން ބުނީ، ދުނިޔޭގެ މަސްރަހުގެ ނުތަނަވަސްކަމާއި މާލީ އެހީ ހޯދުމުގެ ދަތިތަކާއެކު އިގްތިސާދަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށް ވާންޖެހޭނީ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމާއި، ދަރަނި މެނޭޖުކުރުމާއި ދައުލަތުގެ މާލިއްޔާ ވަރުގަދަކުރުން ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)