
ޑެޕިއުޓީ ގަވަރުނަރު އިމާދު އިސްތިޢުފާދެއްވައިފި!
ޒައުޖަތު އަޙުމަދުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަޙުމަދު އިމާދު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
އިމާދު އިސްތިޢުފާ ދެއްވާފައި މިވަނީ އޭނާ މަޤާމުން ވަކިކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވަނިކޮށްނެވެ.
އިމާދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވަނީ، މިފަހުން މަރުކަޒީ ބޭންކުން ނިންމާފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި މުއައްސަސާގެ އަސާސީ މަޤުސަދުތަކާއި އެގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުންތަކަކަށް ނުވާތީ ކަމަށެވެ.
އަދި އިތުރަށް ފައިސާ ޗާޕް ކުރުމުން ސީރިއަސް މެކްރޯ އިކޮނޮމިކް އަސަރުތަކެއް މެދުވެރިވާނެ ކަން ފާހަގަކުރައްވައި އޭނާ ވަނީ އެގޮތުން 14 ބިލިއަން ރުފިޔާ ޗާޕް ކުރުމާ މެދު ވެސް ކަންބޮޑުުވުން ފާޅުކުރައްވައިފައެވެ.
އިމާދު އެ މަޤާމުން ވަކި ކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފެންނަ ކަމަށް ބަޔާންކޮށް އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.
އިމާދު މިއަދު އިސްތިޢުފާ ދެއްވުމާއި ގުޅިގެން އެ މައްސަލަ ދެން ކުރިއަށް ނުގެންދަވާނެ ކަމަށް ރިޔާސަތުން މިއަދު ވަނީ އިޢުލާނު ކުރައްވައިފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


