logo
logo
އެމްޑީޕީ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު އަނބުރާ ދައްކައިފި!

އެމްޑީޕީ ސަރުކާރުން ބަޖެޓް ސަޕޯޓަށް ނެގި 100 މިލިއަން ޑޮލަރު އަނބުރާ ދައްކައިފި!

2025 މާރިޗު 10
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ބޭރުގެ މާލީ އެޖެންސީއަކުން ނަގާފައި އޮތް 100 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ނިންމާފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ސަރުކާރުން، 2022 ވަނަ އަހަރު 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވަނީ މިފަދަ ލޯނުތައް ދޫކުރާ އެމެރިކާގެ އެޖެންސީއެއްކަމަަށްވާ ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިންނެވެ. އަދި މި ލޯނު ނަގާފައިވަނީ ބޮޑު މަޝްރޫއެއް ހިންގުމުގެ ބަދަލުގައި، ބަޖެޓްގެ ތާށިކަން ކުރިމަތިވެގެން ބަޖެޓް ސަޕޯޓުގެ ގޮތުގައެވެ.

މި ލޯނު ނަގާފައި ވަނީ 7.15 އިންޓަރެސްޓު ރޭޓުގައި، 3 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. އެހެންކަމުން 100 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކާ ނިންމިއިރު، އިތުރަށް 26 މިލިއަން ޑޮލަރު ވަނީ އިންޓްރެސްޓްގެ ގޮތުގައި ސަރުކާރުން ދައްކާފައެވެ.

26 މިލިއަން ޑޮލަރުގެ ބޮޑު އިންޓަރެސްޓް ރޭޓެއްގައި އެމްޑީޕީ ސަރުކާރުން ނަގާފައި އޮތް މި ލޯނު، ދައްކާފައި މިވަނީ މި ލޯނަށް މިއަހަރު ދައްކަންޖެހޭ ފައިސާ ސަރުކާރަަށް ނުދެއްކޭނެކަމަަށް ބުނެ ބައެއް ފަރާތްތަކުން، ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން މާލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ލޯނުތައް އެއްބަސްވުންތަކާއި އެއްގޮތަށް ދައްކަމުންދާކަމަށާ އަދި ރާއްޖެއިން ދައްކަންޖެހޭ ލޯނެއް ދެއްކުމުގައި މިހާތަނަށް އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށެވެ.

މި ލޯނުގެ އިތުރުން ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގުމުގެ ނަމުގައި އެތައް ބިލިޔަން ރުފިޔާއެއްގެ ލޯނު ނަގާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކު ގުޅިގެން ނެގި 1.6 ބިލިއަން ރުފިޔާގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނު ހިމެނެއެވެ.

މި ލޯނުތަކުގެ އިތުރުން އެކި މަޝްރޫއުތައް ހިންގާފައިވާ ރާއްޖޭގެ ކުންފުނިތަކަށް ދޭންޖެހޭ އެތައް ބިލިޔަން ރުފިޔާއެއްވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިކަން ނިމުނުއިރު އޮތީ ނުދައްކައެވެ. މި ސަރުކާރުން ދަނީ ބޭރުގެ ދަރަނި ދެއްކުމުގެ އިތުރުން، ދިވެހި ކުންފުނިތަކަށް ވެސް ފައިސާ ދޫކުރައްވަމުންނެވެ.

އެމްޑީޕީ ސަރުކާރުން ގެންގުޅުނު މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް މާލީގޮތުން ދަތިތައް ކުރިމަތިވެފައި އޮތްނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މާލީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރައްވައި، އިގްތިސާދު އަލުން ހަމަ މަގަށް އަޅުއްވާފައެވެ. އެގޮތުން މިއަހަރުގެ ފެބުރުއަރީގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވަށް 124 މިލިޔަން ޑޮލަރު އިތުރުވެފައިވާ ކަމަށާ މިއީ 18 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު ވަނީ ބުނެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް