ރައީސް ޑރ. މުޢިއްޒަށް އަތުވީ އިޤްތިޞާދީ ހުސް ތޮށިގަނޑެއް: ޝިޔާމް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތުވީ އިޤްތިޞާދީ ހުސް ތޮށިގަނޑެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ޤައުމު ހިންގުމުގައި ހިންގާފައިހުރި ކްރަޕްޝަނުގެ ވާހަކަތައް ހިއްސާ ކުރައްވާ، ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒުއަށް އިޤްތިޞާދީ ތޮށިގަނޑެއް ލިބިލެއްވި ނަމަވެސް ފައިސާ ޗާޕްނުކޮށް މިޙާލަތުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށް ދާތަން ބަލަން ތިބުން ވާދަވެރިންނަށް ކެތްވާވަރު ކަމަކަށް ނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ކުރިން ހުންނެވި ޝިޔާމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އޭރު ކުރަމުންދިޔަ ވައްކަންތަކުގެ ވާހަކަތައް ކެނޑިނޭޅި މަޖިލީހުގައި ދައްކަވަމުން ގެންދެވި ކަމަށެވެ.
"ކޮވިޑުގެ ބަލިމަޑުކަންވެސް ވީ ވައްކަންކުރަން ލިބުނު ރަނުގެ ފުރުޞަތަކަށް. ވެންޓިލޭޓަރުން ކުރީ ވައްކަން. އެޅި ކޮވިޑް ފެސިލިޓީތަކުން ކުރީ ވައްކަން. ފެސިލިޓީތަކަށް ކޭޓަރ ކުރުމުގައިވެސް ކުރީ ވައްކަން. އެންމެ ކުޑަމިނުން މާސްކުންވެސް ކުރީ ވައްކަން. މަގު ހެދުމުން ކުރީ ވައްކަން. ހޮސްޕިޓަލްތައް އެޅުމުގެ ނަމުގައި ކުރީ ވައްކަން. ކުނި މެނޭޖްކުރާ ސެންޓަރުތައް ހެދުމުގެ ނަމުގައި ކުރީ ވައްކަން. މިހެންގޮސް ކިޔާނެ ކަމެއް ނެތް." ޝިޔާމް ވިދާޅުވެފައިވެއެވެ.
ޝިޔާމް ވިދާޅުވީ ވައްކަން ނުކުރާ ހަމަ އެއްވެސް ދިމާއެއް އޭރު ނެތް ކަމަށާއި ފެނަކައިން އޭރު ކުރަމުން ދިޔަ ވައްކަންތައް ފިއްކަނޑައިގެންދާވަރުވާ ކަމަށެވެ. އަދި މަޖިލީހުން 2 ފަހަރެއްގެ މަތިން އެމައްސަލަތައް ބަލަން މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙް އެކަން މަޖިލިސް ތެރެއިން ހުއްޓުވާ އޭސީސީގެ މެމްބަރުން ބަދަލުކުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ 5 އަހަރު އެކަނި 64 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު ވެރިކަން ނިންމާލިއިރު މަސްވެެރިންނަށް 250 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލައި ދިވެހި ވިޔަފާރިތަކަށް 8 ބިލިޔަން ރުފިޔާ ދައްކަން އޮތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މިއަދު ޑޮލަރަށް މިއަރާ ބާރަކީ އޭރު އެތައް ބިލިއަނުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ. ތަކެތީގެ އަގުބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ޢާއިލާތައް ނިކަމެތިވެ ޤައުމުގެ އިޖުތިމާޢީ ފޭރާން އެއްކޮށް ވީދާ ކުދިކޮށްލި." ޝިޔާމް ވިދާޅުވިއެވެ.
މިއަދު އެމްޑީޕީއިން ކުރިޔަށް ގެންދާ މުޒާހަރާ އަކީ ގޮތް ހުސްވެގެން ޤައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަޤްޞަދެއް ޙާސިލްކުރަން ބާއްވާ ޙަރަކާތެއް ކަމަށާއި މި ސަރުކާރުން ޤާނޫނު ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޤައުމުގެ އަމާންކަންނަގާލާ މަގުތައް ހަލަބޮލިކޮށް ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ކުޑަވެސް ޖާގައެއް ނުދޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް މިފަދައިން އެމްޑީޕީގެ ޚިޔާނާތުގެ ވާކަތައް ދައްކަވާފައި މިވަނީ "ލޫޓުވައިފި" ނަމުގައި އެމްޑީޕީން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވެފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
