އެމްޑީޕީ ސަރުކާރުން އިންޑިއާއިން ނެގި 50މިލިއަން ޑޮލަރު މިއަދު ދައްކައިފި

އެމްޑީޕީ ސަރުކާރުން އިންޑިއާއިން ނެގި 50މިލިއަން ޑޮލަރު މިއަދު ދައްކައިފިއެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާ މެދުވެރިކޮށް ނެގި 50 މިލިއަން ޑޮލަރުގެ ލޯން މިއަދު ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުން 40 ދުވަހުގެ ތެރޭގައި 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ އާއި އިންޑިއާގެ 50 މިލިއަން ޑޮލަރާއެކު، ޖުމްލަ 974 މިލިއަން ޑޮލަރުގެ ލޯން ދައްކާފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ބާކީ އޮންނާނީ އެންމެ 50 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެއީ އަންނަ ސެޕްޓެމްބަރު މަހު ދައްކަން ޖެހޭ އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ 17 ސެޕްޓެމްބަރުގައި އެ 50 ވެސް އަޅުގަނޑުމެން ދައްކައި ނިންމާނަން. އެހެންވީމަ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި 150 މިލިއަން (ޑޮލަރު) ގެ ދަންތުރައިން ސަލާމަތްކޮށް މި ނިންމަނީ. ހަމައެފަދައިން ސުކޫކް ވެސް ޕޭކޮށް ނިންމީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި މިފަދަ ކަންކަން ކުރަނީ ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށެވެ. ރައްޔިތުންގެ ބޮލުގައި މީގެކުރިން އަޅުވާފައި ހުރި މިފަދަ ދަރަނިތަކުން ސަލާމަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ހިތާމަ ކުރަން ދައުލަތުގެ މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، އަދި ރާއްޖެއާ ބެހޭ ގޮތުން، މި ގައުމާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށްޓަކައި ރާއްޖޭގެ އިގްތިސާދު ހަލާކު ކުރުމަށްޓަކައި ހަގީގަތެއް ނެތް، އެއްވެސް އަސާސެއް ނެތް ގޮތަށް އެކި ކަހަލަ ވާހަކަތައް ދައްކަމުންދާތީ." ކުރީގެ ސަރުކާރުން ދަރަނިތައް ނެގިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވިއެވެ.
"އެބޭފުޅުންގެ ސަރުކާރުން ދަރަނި ނެގީ. އަޅުގަނޑު މި ދަނީ ދައްކަމުން. ދެން ދައްކާތީ ވެސް ކަންބޮޑުވޭ. މިއީ މާ ކޫލް ކަމެއް ނޫން. އަޅުގަނޑަކަށް ހިއެއް ނުވޭ ކޫލް ކަމެއް ހެން. އެހެން ނަމަވެސް، އެ ބަޔަކަށް އެނގޭނީ އެ ބަޔަކު ދައްކާނެ ވާހަކައެއް،"
ދަރަނިތައް ދައްކަމުންދާ އިރު، މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ނުދީ ނުބާއްވަވާނެ ކަމަށާއި ތެލަށް ދޭން ޖެހޭ ފައިސާ ވެސް ދައްކާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޭރުގައި ތިބޭ ދިވެހި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ވެސް ދައްކަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ލޯނަކީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިންޑިއާ މެދުވެރިކޮށް ނެގި 200 މިލިއަން ޑޮލަރުގެ ލޯނެކެވެ. މީގެތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓްރެޝަރީ ބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ރައީސް ޞާލިޙްގެ ވެރިކަން ނިމިގެން ދިޔައިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައި ނުވުމުން އެ ދަރަނި ދައްކަން ޖެހުނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށެވެ.
އިތުރަށް




.gif.gif&w=828&q=100)
