ރާއްޖޭގެ ތަރައްގީގައި ޗައިނާގެ ހިއްސާ ފެންނަނީ ދިވެހިންގެ ދިރިއުޅުމަށް އައި ކުރިއެރުމުން: ރައީސް

ރާއްޖޭގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީއަށް ޗައިނާއިން ވެދެމުންދާ އެހީތެރިކަމުގެ ހަގީގީ ނަތީޖާ ފެންނަމުންދަނީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރުމަށް މާލޭގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ މެދުގައި އޮތް ތާރީޚީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ހަމައެކަނި ޚާރިޖީ ބަޔާންތަކަކަށް ސީމާވެފައި އޮތް ގުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ދިވެހިންގެ ދިރިއުޅުމުން ދުވަހުން ދުވަހަށް އިހްސާސްކުރެވޭ، ލޮލަށް ފެންނަން އޮތް ހަގީގީ ބަދަހިކަމެކެވެ.
މި ކަމުގެ އަމަލީ މިސާލުތަކަށް އަލިއަޅުއްވާލައްވަމުން، ސިނަމާލެ ބުރިޖާއި، ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުތަކުގެ އިތުރުން އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާތަކުން ޗައިނާއިން ފޯރުކޮށްދޭ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. "ބުރިޖަކީ ހަމައެކަނި ސިމެންތިއާއި ދަގަނޑުން ހަދާފައިވާ ބިނާއެއް ނޫން. ބުރިޖަކުން ރަމްޒުކޮށްދެނީ ރައްޔިތުންނާއި، މުޖުތަމައުތަކާއި، އަދި ގައުމުތައް ގުޅުވައިދޭ ގުޅުން،" ރައީސް ވިދާޅުވިއެވެ. އަދި އެދިވަޑައިގަންނަވަނީ ދެ ގައުމުގެ ގުޅުމަކީ ފުރުސަތުތަކަށާއި، ފާގަތިކަމަށާއި، އުޖާލާ މުސްތަގުބަލަކަށް ވާސިލުކޮށްދޭ ބުރިޖެއްގެ ގޮތުގައި ދެމިއޮތުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ އަދި ތިމާވެށީގެ ގޮންޖެހުންތަކާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެއްވެސް ގައުމަކަށް އެކަނި ކުރިމަތިނުލެވޭނެ ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި ގައުމުތަކުގެ މެދުގައި އެއްބާރުލުން އިސްކުރަންޖެހޭ ކަމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭން އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ "ވަން ޗައިނާ ޕްރިންސިޕަލް" އަށް ސާބިތުކަމާއެކު ތާއީދުކުރާކަން ތަކުރާރު ކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭން އުންމީދުކުރާކަން ހާމަކުރައްވާފައެވެ.
އިތުރަށް



.webp&w=3840&q=100)

.gif.gif&w=828&q=100)