މަތީ ސާނަވީ އިމްތިޙާނަކީ ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމަށް މުހިންމު މަރުޙަލާއެއް: ރައީސް މުޢިއްޒު

ދަރިވަރުންގެ މުސްތަޤުބަލު ބިނާކުރުމަށާއި ކުރިއަށްދާނެ ދާއިރާއެއް ޚިޔާރުކުރުމުގައި މަތީ ސާނަވީ އިމްތިޙާނަކީ ނުހަނު މުހިންމު މަރުޙަލާއެއްކަމަށް ވިދާޅުވެ، މިއަހަރުގެ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައި ވަނީ އިމްތިޙާނުގައި ބައިވެރިވާ ދިވެހި ހުރިހާ ދަރިވަރުންނަށާއި، އެ ކުދިންގެ ބެލެނިވެރިންނަށާއި، މުދައްރިސުންގެ އިތުރުން ސްކޫލްތަކަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މަތީ ތަޢުލީމު ހާސިލުކުރާނެ ރާސްތާއެއް ކަނޑައެޅުމުގައި މަތީ ސާނަވީ މަރުޙަލާއަކީ ދަރިވަރުންގެ ޙަޔާތުގައި އަންނަ ވަރަށް ނާޒުކު، އެހެންނަމަވެސް ބިންގާ އަޅައިދޭ މުހިންމު ދުވަސްވަރެކެވެ.
އިމްތިޙާނަށް ތައްޔާރުވުމުގެ ގޮތުން ދަރިވަރުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެކަމުގެ ފުރިހަމަ އުންމީދު އެބިއޮތްކަން ހާމަކުރައްވަމުން ރައީސް ވިދާޅުވިއެވެ. އަދި މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު އިމްތިޙާނުގެ ސުވާލުތަކަށް ފަސޭހަކަމާއެކު ރަނގަޅު ޖަވާބުދީ، މުޅި ޤައުމު ފަޚުރުވެރިވާފަދަ އުފާވެރި ނަތީޖާއެއް ހުރިހާ ދަރިވަރުންވެސް ހޯދާނެކަމަށް އުންމީދުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ މަތީ ސާނަވީ އިމްތިޙާނު ކުރިއަށްދާނީ ސެޕްޓެމްބަރު 27 އިން އޮކްޓޫބަރު 30 ގެ ނިޔަލަށެވެ. މި އިމްތިޙާނުގައި ޖުމްލަ 53 ސެންޓަރަކުން 4,973 ދަރިވަރުން އޭލެވެލް އިމްތިޙާނު ހަދާއިރު، 2,263 ދަރިވަރުން އެޗްއެސްސީ އިމްތިޙާނުގައި ބައިވެރިވެއެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުގެ 4 ސެންޓަރަކުން އިމްތިޙާނުދޭ 3,284 ދަރިވަރުންނާއި، އަތޮޅުތަކުގެ 49 ސެންޓަރަކުން އިމްތިޙާނު ހަދާ 1,689 ދަރިވަރުން ހިމެނެއެވެ.
މިއަހަރަކީ ރާއްޖޭގައި އޯލެވެލް އަދި އޭލެވެލް އިމްތިޙާނު އެއް ދުވަސްވަރެއްގައި ކުރިއަށްދާ އަހަރެކެވެ. ސެޕްޓެމްބަރު 20 އިން ނޮވެމްބަރު 12 އަށް އޯލެވެލް އިމްތިޙާނު ކުރިއަށްދާއިރު، އޭލެވެލް އިމްތިޙާނު ނިމިގެންދާނީ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.
އިތުރަށް



.webp&w=3840&q=100)

.gif.gif&w=828&q=100)