logo
logo
އިންތިޚާބުތަކުގެ  ނަތީޖާއާއެކު ރައީސް މުޢިއްޒު  ދެއްކެވީ  ޑިމޮކްރަސީގެ  ރިވެތި  ނަމޫނާއެއް: ޝިޔާމް

އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝިޔާމް

2026 އޭޕްރީލު 05
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި އަދި ބޮޑު ދެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގުނު އިންތިޚާބުގެ ނަތީޖާއަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަ ކަމަށެވެ.

ރައީސް ވަނީ އިންތިހާބު ކާމިޔާބު ކުރެެއްވި ހުރިހާ ފަރާތްތަކަށް ތަހްނިޔާ ވިދާޅުވެފައެވެ.

އެ މެސެޖުގައި އެމަނިކުފާނު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވައިފައެވެ.

ރައީސްގެ މި މެސެޖާއި ގުޅިގެން ޝިޔާމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ ކަމަށާއި އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނާ ކަންކަން އިސްލާޙުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތުތަކެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް. މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް. އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި." ޝިޔާމް ވިދާޅުވެފައިވެއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް ޑރ. މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށާއި މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށެވެ.

ޝިޔާމް ވަނީ އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް ވަރަށް ބޮޑަށް މަރުޙަބާ ކިއުއްވައިފައެވެ. އަދި ކެންޑިޑޭޓުންގެ ޓީމުތަކުންނާއި ޕީއެންސީގެ ރައީސް ޑރ މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްކެވި އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއަށް ފަށްފަށުން ޝުކުރު ދަންނަވައިފައެވެ.

އިއްޔެ ބޭއްވުނު ކައުންސިލް އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވަނީ މާލެ ހިމެނޭހެން ހުރިހާ ސިޓީއެއްގެ މޭޔަރުގެ ގޮނޑި ކާމިޔާބު ކޮށްފައިކަން ފާހަގަކުރެވެއެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް