އެމްޑީޕީ ސަރުކާރުން 2019 ގައި ނެގި ލޯނުގެ ބާކީ 50 މިލިއަން ޑޮލަރު ސެޕްޓެމްބަރުގައި ދައްކާނެ

އެމްޑީޕީ ސަރުކާރުން 2019 ގައި އިންޑިއާއިން ނެގި ލޯނުގެ ބާކީ 50 މިލިއަން ޑޮލަރު ސެޕްޓެމްބަރުގައި ދައްކާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ބުރާސްފަތި ދުވަހަކު ތަރުޖަމާނު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ އިންޑިއާ ސަރުކާރުން ނަގާފައިވާ ލޯނުގެ ދަށުން ދައްކަންޖެހޭ 50 މިލިޔަން ޑޮލަރު އަންނަ ސެޕްޓެންބަރު މަހު ދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ.
މުންދު ވިދާޅުވީ ނިމިދިޔަ ދައުރުގެ ތެރޭގައި، ބޭރުގެ އެކި ޤައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ސަރުކާރުން މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންދާކަމަށާ އެގޮތުން އިޤްތިޞާދީގޮތުން ދަތި ދަނޑިވަޅެއްގައި، އިތުރު ދަރަނި ނުނަގާ ބިލިއަނެއްހާ ޑޮލަރު ދައްކާ ޚަލާސްކޮށްފައިވާކަމަށެވެ.
ތަރުޖަމާނު ވިދާޅުވީ، މިއަދު ފެނިގެންދާ ޙަޤީޤަތަކީ ދަރަނި ދެއްކުމުގައި ރާއްޖެއިން ޒިންމާދާރު ކަމާއެކު ޢަމަލުކުރަމުންދާތަންކަމަށާ އޭގެ ސަބަބުން ލޯނު ދިން ފަރާތުން ސަރުކާރާ މެދު ދެކޭގޮތްވެސް ރަނގަޅުވެގެންދާ ކަމަށެވެ.
ރާއްޖެއިން ނަގާފައިވާ ލޯނަކާއި ގުޅިގެން ތަރައްޤީއާއި ގުޅުންހުރި އެއްވެސް މަޝްރޫޢެއް ހުއްޓިގެން ނުދާނެކަމަށް މުންދު ވިދާޅުވިއެވެ.
ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ މާލީ ޙާލަތާއި އިޤްތިޞާދު ހަރުދަނާކުރުމަށް މަސައްކަތް ކުރުންކަމަށާ އެކަމުގައިވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މި ލޯނުތަކަކީ އެމްޑީޕީ ސަރުކާރުން 2019 ވަނަ އަހަރު ތިން ފަހަރުމަތިން ނެގި 150 މިލިޔަން ޑޮލަރުގެ ލޯނު ކަމަށާ އިންޑިއާއިން ނެގި މި ލޯނުތައް ނުދައްކާ ރޯލްއޯވާ ކުރަމުންގޮސް މި ސަރުކާރަށް އެ ދަރަނި ވާރުތަވި ކަމަށާއި އޭގެ ތެރޭގައި މިހާތަނަށް 100 މިލިޔަން ޑޮލަރު ދައްކާ ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ނިމުނު ހަފުތާގައި ވަނީ ވިދާޅުވެފައެވެ.
މި ލޯނުތަކުގެ ތެރެއިން ފުރަތަމަ 50 މިލިޔަން ޑޮލަރު މި ސަރުކާރުން ދެއްކީ 7 ޖަނަވަރީ 2024ގައެވެ. އަނެއް 50 މިލިއަން ޑޮލަރު ދެއްކީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ރައީސް ވަނީ އެ ދުވަހު ވިދާޅުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)
