ދައުރު ނޫހުގައި ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ލިޔުނު މައްސަލައެއް ފެންމަތިވެއްޖެ

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ހެއްދެވީ "ބުހުތާނު ދޮގު"ކަމުގައި ދައުރު ނޫހުގައި ލިޔެފައިވަނީ ހަޤީޤަތާއި ޚިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ބުނީ، ދައުރު ނޫހުގައި 6 ސެޕްޓެމްބަރު 2026 ގައި އަހުމަދު ނާއިފް ލިޔެފައިވާ "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" ސުރުޚީގެ ޚަބަރުގައި އެވާ ވާހަކަތަކަކީ އަދި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފްއާމެދު ކުރައްވާފައި އެއޮތް ތުހުމަތަކީ ހަޤީޤަތާއި ޚިލާފު ތުހުމަތެއް ކަމަށެވެ.
އެ ޚަބަރުގައި ކުރައްވާފައިވާ ތުހުމަތަކީ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން އިއްޔެ މީޑިއާއާ ކުރި މުޢާމަލާތުގައި ދެއްކި ވާހަކައިގެ ތެރެއިން، ރިސޯޓްތަކުގެ އާމްދަނީގެ %40 ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރީ، ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ މަޝްވަރާކޮށް ދިރާސާކޮށްފައި ކަމަށް ބުނި ބުނުމަކީ ދޮގެއް ކަމަށާއި އަދި "ސަރުކާރުގެ ނިންމުމަކީ ސަޕްރައިޒެއް" ކަމަށެވެ.
"ޤާނޫނު ނަންބަރު 32/2024، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ތަސްދީޤުކުރެއްވުމާއެކު، ޤާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ. އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ، ޤާނޫނަށް އައި މިބަދަލާއި އަދި ޖުމުލަގޮތެއްގައި މާލިއްޔަތާގުޅޭގޮތުން މި ގެނެވުނު އިޞްލާޙުތައް އެއް ފަހަރަށްވުރެ ގިނަ ފަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ މަޝްވަރާކުރެވިފައިވާ ކަމަށާއި އަދި މަޓީގެ އެކި ވެރިންނާއި ވަކިވަކިންވެސް މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ބޭއްވުނު އެންމެ ފަހު ބައްދަލުވުމުގައި، ފާއިތުވި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު، މަޓީއަށް ދައުވަތުދެވިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުގެ އިސްވެރިން، މަޓީގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
"މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާނާއި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، ޙަސަން ޒަރީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި ބަންޑާރަނައިބު، އަލްއުސްތާޛު އަޙްމަދު އުޝާމާއި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވިއެވެ." ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި، މަޓީން ޖުމުލަ 6 ބޭފުޅުން ބައިވެރިވެވަޑައިގަތްއިރު، އެންމެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވީ މަޓީގެ ވައިސް ޗެއަރމަނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްކަމަށާއި އަދި 24 އޮގަސްޓް 2026 ގައި މަޓީން ނެރުނު ޕްރެސް ރިލީޒުންވެސް މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަޓީގެ އިސްބޭފުޅުން ބައިވެރިވެފައިވާކަން ހާމަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނީ މަޓީއާ މަޝްވަރާކޮށްފައި ނުވާކަމަށް އެ ވިދާޅުވާ ވިދާޅުވުމަކީ ހަޤީޤަތާއި ޚިލާފު ވާހަކައެއް ކަމަށާއި އަދި މަޓީއަށް އެކަން ކުއްލި ހައިރާން ކަމަކަށްވީކަމަށް ބުނާ ބުނުމަކީވެސް ހަޤީޤަތާއި ޚިލާފަށް ބުނާ ބުނުމެއް ކަމަށާއި އެހެންކަމުން، ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ވިދާޅުވެފައިވަނީ ހަޤީޤަތާއި ޚިލާފަށް ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)