މާލީ ޙާލަތު ރަނގަޅުކުރުމަށް އަސާސީ ޚިދުމަތްތައް ހުއްޓާލުމަކީ ރައީސްގެ ސިޔާސަތެއް ނޫން: މުންދު

ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ހުއްޓާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި "ޕްރެސް ވިތު ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރުމުގެ މަސައްކަތް ކުރަންޖެހެނީ އިޤްތިޞާދީ ޙަރަކާތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ބުރަ ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އަސާސީ ކަންތައްތައް ހުއްޓާލައިގެން މާލިއްޔަތު ރަނގަޅު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ބޭރުގެ އަދި އެތެރޭގެ ދަރަންޏާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލުގެ ޖަވާބުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް ކަމަށާ، ބޭރުގެ ދަރަންޏެއް ޑީފޯލްޓް ވެއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ޤައުމަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.
ރާއްޖޭގެ މާލީ ޙާލަތުގެ ނާޒުކުކަން ހާމަކުރައްވަމުން މުންދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ތެލަށާއި، މުވައްޒަފުންގެ މުސާރަ އަދި އާސަންދަ ފަދަ ޚަރަދުތަކަކީ ރާއްޖޭގެ މާލީ އިދާރާތަކާއި، ލިބޭ ހިލޭ އެހީގެ އިތުރުން ފަތުރުވެރިކަމާއި ކަސްޓަމްސް ޑިއުޓީ ފަދަ ކަންކަމުން ލިބޭ އާމްދަނީން ހަމަޖައްސަންޖެހޭ ކަންކަން ކަމަށެވެ. އެތެރޭގެ ދަރަނި ހުރީ ސަރުކާރުން ހިތްހަމަޖެހޭ މިންވަރަށްވުރެ މަތީގައިކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، އެކަން ހައްލުކުރާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.
ރާއްޖޭގެ އެތެރޭގެ ދަރަނި ހިތްހަމަ ޖެހޭ ވަރަށްވުރެވެސް މާ ބޮޑު ކަމަށް ވެސް މުންދު ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުން ހުރި ކަންތައްތައް ހުއްޓާލަން އެއީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ބޭރުގެ ދަރަނި މިހާރު ހުރީ މެނޭޖްކުރެވިފައިވާ ޙާލަތެއްގައި ކަމަށާއި، ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ދައްކަންޖެހޭ ދަރަނީގެ ޕޭމަންޓްވެސް ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތައް އަޅަމުންދާއިރު، މި އިސްލާޙީ މަސައްކަތްތައް ނިމުމުން، ދައުލަތުގެ ޚަރަދުތައް ކުޑަވެ، އެތެރޭގެ ދަރަނި ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް މުންދު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)