logologologologo
STO
ޚަބަރު

ކުރެހުމުގަައި ދެމިތިއްބަވާ، އަޅުގަނޑުމެން ތަންފީޒުކުރުމުގައި ދެމިތިބޭނަން: މުންދު

ކުރެހުމުގަައި ދެމިތިއްބަވާ، އަޅުގަނޑުމެން ތަންފީޒުކުރުމުގައި ދެމިތިބޭނަން: މުންދު
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 25

އިދިކޮޅު ފަރާތްތަކުން ތަރައްޤީގެ މަޝްރޫޢުތައް ކުރެހުމުގައި ދެމި ތިއްބަވާއިރު، އެފަދަ މަޝްރޫޢުތައް ނިންމުމުގައި ސަރުކާރުން ދެމި އޮންނާނެކަމަށް ވިދާޅުވެ، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ރައްދު ދެއްވައިފިއެވެ.

މުންދު މިފަދަ ރައްދެއް ދެއްވާފައި މިވަނީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އެމަގު އާންމުންނަށް ހުޅުވާލުމާއި ގުޅިގެން، އެ މަގު ތަރައްޤީ ކުރަން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ގެންގުޅުނު ޕްލޭން ކަމަށް ބުނެ، ރައީސް ޔާމީނަށް ތާޢީދު ކުރައްވާ ބައެއް ފަރާތްތަކުން ކުރެހުމެއް އާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މުންދުގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ދެރައީ މަގު ހަދާ ނިމެންދެން މިކަހަލަ ކުރެހުމާއި ތަޞައްވުރާ ޕްލޭންތައް ހާމަނުކުރެއްވީމާ ކަމަށެވެ.

"1400 ޕްރޮޖެކްޓް ރާއްޖޭގައި އެބަ ހިނގާ. ކޮންމެ މަސައްކަތެއްގައި ވިސްނާފައިވާގޮތް ގަނޑުކޮށް އޭ.އައި އިން ކުރަހާލާ، ޝެއަރކޮށްލަދެއްވާ. ތިޔަ ބޭފުޅުންގެ ސޫރަވެސް ކޮންމެ ތަނެއްގައި ކުރަހާލަދޭނަން. އޭގެ ކްރެޑިޓް ބޭނުންފުޅިއްޔާ." މުންދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މުންދު ވިދާޅުވީ ކަންކަން ތަންފީޒުކުރެވޭނީ އެއިރެއްގައި އޮންނަ ސަރުކާރަށް ކަމަށާ ކުރީގެ ސަރުކާރުތަކަށް އެކަން ކުރައްވަން ލިބުނު ވަގުތުގައި ނުކުރެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ މައްސަލައެއް ނޫން ކަމަށެވެ.

މުންދު ވިދާޅުވީ މިވަގުތު ސަރުކާރުން ބަލަނީ ވީ އެންމެ ރަނގަޅަށް ކަން ކުރެވޭތޯ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލަށް ހެދި ބައިގައި ހިމެނޭ ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށްތަރައްޤީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލާފައި ވަނީ އިއްޔެ ހަވީރުއެވެ.

އެ މަގު ތަރައްޤީކޮށް ނިންމުމާބެހޭ ގޮތުން ރައީސް ޑރ. މުޢިއްޒު މިއަދު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކުރިއަށް އޮތް ފޭސް އާއި ފަޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކާއި، ރިންގް ރޯޑުގެ ބާކީ އޮތް ބައި، އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މާލޭގެ މަލަމަތި މުޅިން ބަދަލުކޮށްލި މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްގީކުރުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމާއި، ފެންހިންދާ ޒަމާނީ ނިޒާމެއް ގާއިމުކޮށްފައިވެއެވެ.

ބޮޑުތަކުރުފާނު މަގަކީ މާލޭގެ ވިޔަފާރީގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. މި މަޝްރޫއުގެ ދަށުން ބޭންކް އޮފް ސިލޯން ކައިރީގައި 588 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ވެސް ތަރައްޤީ ކޮށްފައިވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް