ބޮޑުތަކުރުފާނު މަގުގައި މިއަދު ތާރު އަޅައި ނިމެނޭ: އެމްޓީސީސީ

ޒަމާނީ ފެންވަރަށް މިހާރު ހަދަމުން އަންނަ މާލޭގެ ބޮޑުތަކުރުފާނު މަގުގެ ބާކީ އޮތް ބައިގައި މިއަދު ތާރު އަޅައި ނިމޭނެ ކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށް، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ 23 ގަ އެވެ. އެ މަޝްރޫއުގެ ދަށުން ޖުލައި 8 ގައި ވަނީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައި ނިންމައިފަ އެވެ.
ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އޭގެ ފަހުން ފަށާފައިވާއިރު އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ސަބް ބޭސް މަސައްކަތްތަކާއި އޭބީސީ ލޭޔާގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ތަނުގައި ތާރު އެޅުމުގެ މަސައްކަތް މިއަދު އެއްކޮށް ނިމޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ގިނަ އަދަދެއްގެ މިނިސްޓްރީތަކާއި އޮފީސްތައް ވެސް ހިންގަމުން އަންނަ އެ ސަރަހައްދުގައި ގާ އަޅާފައި އޮތްއިރު މަގު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަޑިގުޑަންތައް ވެސް ގިނަ އެ މަގުގައި ޕާކުކުރުމުގެ ދަތިކަން ވެސް އިންތިހާއަށް އޮތެވެ.
އެތަން ތަރައްގީކޮށް ނިންމާއިރު ކުރިއެކޭ އެއްގޮތަށް މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ ޖާގަ އާއި މަސްވެރިންގެ ޕާކު ސަރަަހައްދު ވެސް ހަދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ވަނީ ލިބިފަ އެވެ.
އިތުރަށް





.gif.gif&w=828&q=100)