ހުޅުމާލެ ފޭސް 2 ގެ ބަސް ރޫޓުތައް އިތުރުކުރަން އެމްޓީސީސީއާއެކު މަޝްވަރާކޮށްފި

ހުޅުމާލެ ފޭސް 2 ގެ ގިނަ ސަރަހައްދުތަކުގައި އެކަށީގެންވާ ބަސް ރޫޓުތަކާއި ބަސް ހުއްޓިތައް ނެތުމުގެ ސަބަބުން އާންމުން އުފުލަމުންދާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ޕީއެންސީ ހުޅުމާލެ އުތުރު ދާއިރާގެ ސްޓިއަރިންގ ކޮމިޓީން އެމްޓީސީސީގެ އިސް މސްއޫލުވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި، ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކާ މެދު ފުޅާދާއިރާއެއްގައި ވާހަކަދެކެވުނެވެ. މީގެއިތުރުން، އެމްޓީސީސީން ވަނީ ފޭސް 2 ގެ ބަސް ރޫޓުތަކާއި ބަސް ހުއްޓިތައް އިތުރުކޮށް، އެ ސަރަހައްދުގެ އެތެރޭގެ ދަތުރުތަކަށް ހާއްސަ އާ ރޫޓުތަކެއް އަވަސް މުއްދަތެއްގެ ތެރޭގައި ތައާރަފްކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސް މަލްޝާ ޝަރީފް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީގެ ހައިސިއްޔަތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށް އަބަދުވެސް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު ކަމާބެހޭ މުއައްސަސާތަކަށް އިއްވައި، މައްސަލަތަކަށް އަމަލީ ހައްލު ހޯދައިދިނުމުގައި ޕާޓީން ފާލަމެއްގެ ރޯލު އަދާކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. މީގެއިތުރުން، ހުޅުމާލެ އުތުރު ދާއިރާއަކީ އެންމެން ގުޅިގެން ދިރިއުޅެން ފަސޭހަ ފުރިހަމަ ތަނަކަށް ހެދުމަށް އެކުއެކީ މަސައްކަތްކުރުމަށްވެސް މަލްޝާ އިލްތިމާސްކުރެއްވިއެވެ.
ހިޔާ ފްލެޓްތަކާއި، ވިނަރެސް އަދި އެހެނިހެން ހައުސިންގ މަޝްރޫއުތަކާއެކު ހުޅުމާލެ ފޭސް 2 ގެ އާބާދީ ދުވަހުން ދުވަހަށް ބޮޑުވަމުންދާއިރު، އާރުޓީއެލް ބަހުގެ ހިދުމަތް އެ ސަރަހައްދަށް އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. ހާއްސަކޮށް، އެތެރޭގެ ސަރަހައްދުތަކުން ބަސް ހުއްޓިތަކަށް ދިއުމަށް ބޮޑު ރާސްތާއެއް ހިނގަންޖެހުމާއި، ބަސް އަންނަ ވަގުތުތައް ދިގުވުމުގެ ސަބަބުން ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.
އެމްޓީސީސީން ބަހުގެ ހިދުމަތް ދެމުން އަންނައިރު، ފޭސް 2 ގެ އެތެރޭގެ ވަކި ރޫޓުތަކެއް ގާއިމުކުރުމަކީ އެ ސަރަހައްދުގެ ރައްޔިތުން އިންތިހާއަށް އެދެމުންދާ ކަމެކެވެ.
އިތުރަށް





.gif.gif&w=828&q=100)