އެސްޑީއެފަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފި

ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް، އެސްޑީއެފަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ހިސާބުތައް ދައްކާ ގޮތުން މި އަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 10 ޕަސެންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖޫން ފުރަތަމަ ހަފްތާއާ ހަމައަށް އެސްޑީއެފަށް ޖަމާކޮށްފައިވަނީ 935 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖަމާކުރުމަށް ކަނޑައަޅާފައި އޮތީ 2.4 ބިލިއަން ރުފިޔާ އެވެ. އެހެންވެ، އަހަރުގެ މިހާ ހިސާބަށް ވަނީ ބަޖެޓުގައި އަމާޒު ކުރި އަދަދުގެ 40 ޕަސެންޓް ޖަމާކުރެވިފަ އެވެ.
ދައުލަތުގެ ދަރަނި ދެއްކުމަށް އުފައްދާފައިވާ މި ފަންޑަށް ޖަމާކުރަމުން އަންނަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން ލިބޭ އާމްދަނީ އެވެ.
ސަރުކާރުން މި ފަންޑް ބޭނުންކޮށްގެން ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް މި އަހަރު ދައްކާފައިވެއެވެ. ސުކޫކު ދެއްކުމަށް ވެސް އެ ފަންޑު ބޭނުންކުރިއެވެ. ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ދަރަނި އަދާކުރުމަށް 4.1 ބިލިއަން ރުފިޔާ އެ ފަންޑުން ބޭނުން ކުރާނެއެވެ.
ދައުލަތުގެ ބަޖެޓުގައިވާ ގޮތުން، ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރާއިރު، އިންޓްރެސްޓް ޚަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެހެންވެ، ދަރަނި ދެއްކުމުގެ ޖުމްލަ ޚަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެއީ މުޅި ބަޖެޓުގެ 29 ޕަސެންޓެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީ މިއަހަރުގެ މި މުއްދަތުގައި ދަށްވެފައި ވަނީ މެދުއިރުމަތީގެ މަސްލަޙަތު މި އަހަރުގެ ޖަނަވަރީން ފެށިގެން ގޯސްވެފައިވާތީ ދަތުރުފަތުރަށް އައި ހީނަރުކަމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ދަރަނީގެ ތަފާސްހިބާތުތަކަށް ބަލާއިރު، ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމިގެންދިޔައިރު 5.7 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. އެފަހުން އައި ނަޝީދުގެ ގާތްގަނޑަކަށް ތިން އަހަރުވީ ވެރިކަމުގައި 17.3 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައި ޖުމްލަ ދަރަނި 23 ބިލިއަނަށް އެރިއެވެ. ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުނު އިރު ޖުމްލަ ދަރަނި އޮތީ 45 ބިލިއަނުގައެވެ. އެއީ އެވެރިކަމުން އުފެއްދި 22.1 ބިލިއަނާއި ވާރުތަވީ ދަރަންޏާއެކުއެވެ. އެއަށްފަހު ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް މަތިވެ، ޖުމްލަ ދަރަނި 126 ބިލިއަނަށް އެރީ ނިމިދިޔަ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެކަނިވެސް 60 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއެވެ.
އިތުރަށް





.gif.gif&w=828&q=100)