ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވެއްޖެ

ސޮވެރިންގ ޑިވެލޮޕްމެންޓް ފަންޑް، އެސްޑީއެފަށް ޖަމާކުރި ފައިސާގެ އަދަދު އިތުރުވެއްޖެއެވެ.
ބޭރުގެ ދަރަނި އަދާކުރުމަށް ބޭރުފައިސާ ޖަމާކުރާ މި ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިލިޔަނަކަށްވުރެ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފަށް 1.2 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފަށް ޖަމާކުރި 1.1 ބިލިޔަން ރުފިޔާއާއި އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ.
މި މުއްދަތުގައި ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާއި އަޅާބަލާއިރު %190 އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ، 3.2 ބިލިޔަން ރުފިޔާއެވެ.
ބޭރުގެ ދަރަނީގެ ތެރެއިން މި އަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދެއްކުމުގައިވެސް ބޭނުންކުރީ އެސްޑީއެފް ފަންޑަށް ޖަމާކޮށްފައިވާ ފައިސާއެވެ.
ދިވެހި ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެސްޑީއެފަށް ޖަމާކުރަމުން ގެންދެއެވެ. އެއީ، އެއަރޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އޮޕަރޭޓް ކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.
އެސްޑީއެފް ނުވަތަ ސޮވެރިން ފަންޑަކީ، ކުއްލި ޙާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2016ވަނަ އަހަރުއެވެ.
އިތުރަށް





.gif.gif&w=828&q=100)