ކަނޑުމަހުގެ ވިޔަފާރީގައި މި ސަރަހައްދުގެ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހި މަސްވެރިކަން ރޭޓްކޮށްފި

ކަނޑުމަހުގެ ވިޔަފާރީގައި މި ސަރަހައްދުގެ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހި މަސްވެރިކަން ރޭޓްކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ބުނީ މޮންޓަރޭ ބޭ އެކުއޭރިއަމްގެ "ސީފުޑް ވޮޗް" ޕްރޮގްރާމުން އާންމުކުރި މިންގަނޑުގައި ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންއެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މިއީ "ސީފުޑް ވޮޗް" ގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށެވެ.
މޮންޓެރޭ ބޭ އެކުއޭރިއަމްގެ ސީފުޑް ވޮޗް ޕްރޮގްރާމަކީ އެމެރިކާގެ މަސް ވިއްކާ ކުންފުނިތަކާއި އެހެނިހެން ފަރާތްތަކުން މަސްގަތުމުގައި ރިޔާއަޔްކުރާ ޕްރޮގްރާމެކެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ މި ޕްރޮގްރާމުން އަލަށް އާންމުކުރި އިރުޝާދުތަކުގައި ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އަދި އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާ ގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް މުޅި ސަރަހައްދުން ވެސް ކަނޑުމަހުގެ ވިޔަފާރީގައި އިހްތިޔާރު ކުރަން "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ރޭޓް ކުރެވިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ފާހަގަކޮށްފައިވާ ގޮތުގައި މި ކާމިޔާބީއަކީ ދިވެހި މަސްވެރިންނާއި ޕްރޮސެސްކުރާ ފަރާތްތަކާއި ސަރުކާރުން ކުރަމުން އަންނަ ބުރަ މަސައްކަތްތަކުގެ ނަތީޖާކަމަށާއި އަދި މިއީ ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެއްކަމަށެވެ.
މި ރޭޓިންއާ ގުޅިގެން މަސްވެރިކަމާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ މޮންޓެރޭ ބޭ އެކުއޭރިއަމް ސީފުޑް ވޮޗް ޕްރޮގްރާމުން، ދުނިޔޭގައި ފުރަތަމަ ފަހަރަށް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ދޭ "ސީފުޑް ވޮޗް ރޭޓިންގް" ދިވެހިރާއްޖެއަށް ލިބުމަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ކަމަށާއި މިއީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖްކުރުމަށާއި، ކަނޑުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް ކުރަމުންދާ ވަރުގަދަ މަސައްކަތުގެ ހެއްކެއް ކަމަށެވެ.
"މިއީ، ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބެމުންދާ ބައިނަލްއަޤުވާމީ އެކި އެކި ޝަރަފުތަކަށް އިތުރުވެގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މީގެ ތެރޭގައި، ރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި ރީނދޫއުރަހަ ކަނޑުމަހުގެ މަސްވެރިކަމަށް އެމް.އެސް.ސީ ސެޓިފިކެޓް ފުޅާދާއިރާއެއްގައި ލިބުމާއި، އަދި ފެއާ ޓްރޭޑް ސެޓިފިކެޓާއެކު، ރާއްޖޭގެ މުޅި ކަނޑުމަހުގެ މަސްވެރިކަމުގެ ފްލީޓަށް މިހާރު އެމް.އެސް.ސީ ސެޓިފިކެޓް ލިބިފައިވުން ހިމެނެއެވެ." ޝިޔާމް ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި ކާމިޔާބީތަކުން ދޭހަވަނީ، ރާއްޖޭގެ ސަގާފީ މަސްވެރިކަމުގެ ހަރުދަނާކަމާއި، މަސް ބޭނުމުގެ އުސޫލުތަކުގެ ފުރިހަމަކަން ކަމަށާއި އަދި ކަނޑުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގައި ރާއްޖެއަކީ ދުނިޔޭގެ ލީޑަރެއްކަން މިކަމުން ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން، މިއީ ދިވެހި މަސްވެރިކަމަށް ޚާއްޞަވެފައިވާ ސިފަތައް ދުނިޔޭގެ ބާޒާރުގައި ދަމަހައްޓައި، މި ދާއިރާއިން ރާއްޖެއަށް ލިބިފައިވާ މަޤާމު އިތުރަށް ވަރުގަދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ރަންގަޅަށް ހާމަކޮށްދޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ ދިވެހި ހީވާގި މަސްވެރިންނާއި، މި ދާއިރާގެ ބައިވެރިންނާއި، ސައިންސްވެރިން އަދި ފިޝަރީޒް މެނޭޖަރުންނާ ގުޅިގެން، ވިލުންތެރި އަދި ކުރިއަރާފައިވާ "ބްލޫ އިކޮނޮމީ" އެއް ބިނާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
ޝިޔާމް ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)
