logo
logo
އިހުތިޖާޖު ކުރަމުން އަންނަ ބޮޑުކަންނެލި މަސްވެރިންނާ ވަޒީރު ޝިޔާްމް ބައްދަލު ކުރައްވައިފި

އިހުތިޖާޖު ކުރަމުން އަންނަ ބޮޑުކަންނެލި މަސްވެރިންނާ ވަޒީރު ޝިޔާްމް ބައްދަލު ކުރައްވައިފި

2025 ޑިސެމްބަރު 15
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އިހުތިޖާޖު ކުރަމުން އަންނަ ބޮޑުކަންނެލި މަސްވެރިންނާ ވަޒީރު ޝިޔާްމް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ވެލާނާގެ ބިލްޑިންގުގައި ހުންނަ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައެވެ.

މިއަދު ހެނދުނު 11 ޖެހިއިރު ފެށި މި ބައްދަލުވުން މެންދުރު 1:40 ހާއިރު މެދުކަނޑާލުމަށްފަހު މެންދުރުފަހު ވެސް މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެއެވެ.

އިހުތިޖާޖުގައި ބައިވެރިވި މަސްވެރިންގެތެރޭގައި އިސްކޮށް އުޅުއްވާ އަދި މި ބައްދަލުވުމުގައި ބައިވެރިވި މަސްވެރިންގެ ތެރެއިން އިސްކޮށް އުޅުއްވީ އެއްބޭފުޅަކީ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު ޢިމްރާނު މުޙައްމަދެވެ.

މި ބައްދަލުވުމަށްފަހު ވެލާނާގެ ސަރަޙައްދުގައި ހުންނަވާ ޢިމްރާނު ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ފެށީ މިހާރު ނޫން ކަމަށާއި އެ މަސައްކަތަކީ 2020 ވަނަ އަހަރުން ފެށިގެން މަސްވެރިން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"މިކަމަށް ހައްލުތަކެއް ނުލިބެ މިދިޔަ ސަރުކާރަކުން ވެސް މި ސަރުކާރަކުން ވެސް. އެހެންވީމާ އެކަންތައްތައް ޙައްލު ކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރަން އަޅުގަނޑުމެން އިހުތިޖާޖަށް ޑިސެމްބަރު 10 ގައި ނިކުތީވެސް." ޢިމްރާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ކުރިއްސުރެ ފެށިގެން ދައްކަމުން މި އަންނަނީ ކަންނެލީގެ އަގު ނެތް ވާހަކައާއި ކިރާއިރު ދިމާވާ މައްސަލަތަކުގެ ވާހަކަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައްދަލުވުމުގައި ކުރިއަށް ދިޔައީ މަސްވެރިން ބޭނުންވާ ކަންކަން ހުށަހެޅުމާއި، އެކަންކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން މިވަގުތު ކޮށްދެވެންހުރި ކަންކަމާބެހޭ ގޮތުންނާއި ދުރުރާސްތާގައި ކުރެވެންހުރި ކަންކަމާއިބެހޭ ގޮތުން ކަމަށެވެ.

ޢިމްރާނު ވިދާޅުވީ ކަންނެލި މަސްވެރިން ކުރި އެ މަސައްކަތް ކާމިޔާބު ކަމަށާއި ބައްދަލުވުން ވެސް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ހުށަހެޅި ހުރިހާ ކަމަކަށް ވެސް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިމްރާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާގެ ބައެއް އިސްވެރިންނާއި ބައެއް ކެޔޮޅުން ބައިވެރިވިއެވެ.

ދައުލަތުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް ބޮޑުކަންނެލީގެ މަސްވެރިން، މަސްވެރިންގެ ދުވަހު ހެނދުނު އިހުތިޖާޖު ކުރަންފަށާ، އެމީހުން ނިންމާފައިވަނީ މައްސަލަތަކަށް ހައްލެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާށެވެ. މަހަށް ދިއުން ހުއްޓާލާފައި އެ މީހުން އިހުތިޖާޖުގައި ތިބީ ހުޅުމާލޭ ބޮޑުކަންނެލި ޖެޓީ ސަރަހައްދުގަ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފްކޯ އަށް ކަޅުބިލަމަހެކޭ އެއްފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން ބޮޑުކަންނެލި "ޕްރޮސެސް" ކުރާ ފެސިލިޓީއެއް ހުޅުމާލެ އާއި ކަނޑުއޮތްގިރީގައި ގާއިމް ކުރުމަކީ މިހާރު ފަށައިގެން އުޅޭ މަސައްކަތެއް ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް