logologologologo
STO
ޚަބަރު

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަނބުރާ ގެންނަން : ރައީސް

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަނބުރާ ގެންނަން : ރައީސް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 20

ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަނބުރާ ގެންނަން ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން ރަނގަޅު އަގެއް ލިބެމުން އައި ބާވަތެއް ކަމަށްވާ  ބޮޑުކަންނެލި ކިރާ އަގު ދަށަށް ދިޔައީ ސަރުކާރުގެ މަސްކުންފުނި މިފްކޯ، އެ ވިޔަފާރިއާ ދުރަށް ދިއުމުން ކަމަށާއި ބޮޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރު އައިއިރު، މިފްކޯ އިން ބޮޑުކަންނެލި ގަތުން އޮތީ ހުއްޓާލާފައި ކަމަށެވެ. އެ ވިޔަފާރީގައި މިފްކޯ އިިން ހާސިލުކުރާ ކަންތައްތައް އިތުރު ކުރަން މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ބޮޑުކަންނެލި މަސްވެރިކަމުގެ ވިޔަފާރި ވަރަށް ބޮަށް ޕްރައިވެޓް ސެކްޓާގެ ތެރޭގައި މިހާރު އޮތީ  މިފްކޯއިން  ބޮޑުކަންނެލި ގަތުން ހުއްޓާލުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށާ އެކަމުގައި މަސްވެރިންނަށް ވާދަވެރި ބާޒާރެއް ލިބޭނީ ވެސް އެ ވިޔަފާރީގެ ތެރޭގައި މިފްކޯ ހަރަކާތްތެރި ވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑުކަންނެލި މަސްވެރިންނަށް އެންމެ ރަނގަޅު އަގު ދެވޭނީ ވެސް މިފްކޯ އެ ހިސާބަށް ގެންދެވިގެން ކަމަށާ އެހެންކަމުން އެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށާ އެއީ ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ވެސް ބައިވެރިވުމާ އެކީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޮޑުކަންނެލީގެ ވިޔަފާރީގައި މިފްކޯ ހަރަކާތްތެރިވާ ނަމަ ބޮޑުކަންނެއްޔަށް ކުރިން ލިބުނު އަގު ހޯދުމަކީ ހާސިލުކުރެވޭނެ ކަމެކެވެ.

ބޮޑުކަންނެލި އެކްސްޕޯޓްކުރަން މިފްކޯއިން ހިންގި ކަނޑުއޮތް ގިރީގެ އޮޕަރޭޝަން ހުއްޓާލައި އެ ކުންފުނިން އެ ވިޔަފާރި މުޅިން ދޫކޮށްލާފައި ވަނިކޮށް، މިފްކޯއަށް  ބޮޑުކަންނެލި އަލުން ގަންނަން ފެށީ މި ސަރުކާރުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް