logo
logo
އެމްޑީޕީ ސަރުކާރުން 2021 ގައި ނެގި ސުކޫކަށް 24.6 މިލިއަން ޑޮލަރު ދައްކައިފި

އެމްޑީޕީ ސަރުކާރުން 2021 ގައި ނެގި ސުކޫކަށް 24.6 މިލިއަން ޑޮލަރު ދައްކައިފި

2025 އޮކްޓޯބަރު 08
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2021 ގައި ނެގި ސުކޫކަށް 24.6 މިލިއަން ޑޮލަރު ދައްކައިފިއެވެ.

މާލީ ވުޒާރާއިން ވަނީ 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އޮކްޓޯބަރު 2025 ގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު މިއަދު ދައްކައިފައެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހެވެ. މި ސުކޫކުގެ މުއްދަތު ހަމަވާނީ އޭޕްރިލް 2026 ގައެވެ.

މާލީ ވުޒާރާއިން ވަނީ 2021 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ނެގި ސޫކޫކަށް ދައްކަންޖެހޭ ކޫޕަން ޕޭމަންޓުތައް ގަވާއިދުން ދައްކާފައެވެ. އަދި މުޅި އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރު އޭޕްރިލް 2026 ގައި މުއްދަތު ހަމަވާއިރު ދައްކައި ނިންމާނެ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.

ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުން ހިމެނޭ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން މި މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ހާމަވަނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤުވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

އަންނަ އަހަރު ދަރަންޏަށް 1.1 ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު ހާސްވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި ދަރަނިތައް ދައްކަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް