logo
logo
އެމްޑީޕީ ސަރުކާރުން ޝަހީދު ޢަލީ ސްކޫލް އެޅީ ބާ ޖަމާލުއްދީން ބިމުގައި ޢަރަބިއްޔާ ސްކޫލް އެޅިގޮތަށް؟

އެމްޑީޕީ ސަރުކާރުން ޝަހީދު ޢަލީ ސްކޫލް އެޅީ ބާ ޖަމާލުއްދީން ބިމުގައި ޢަރަބިއްޔާ ސްކޫލް އެޅިގޮތަށް؟

2026 ޖެނުއަރީ 29
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ހުޅުމާލޭގައި މި ސަރުކާރުން ބިނާކުރި ޝަހީދު ޢަލީ ސްކޫލަކީ އެމްޑީޕީ ސަރުކާރުން ފަށާފައި އޮތް މަސައްކަތެއްކަން ދައްކަން އެމްޑީޕީ ސަރުކާރުގެ ބައެއް ވެރިން، ޚާއްޞަކޮށް އެމްޑީޕީ ސަރުކާރުގެ ތަޢުލީމީ ވަޒީރު، އެމްޑީޕީ އެކްޓިވިސްޓުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަމުން އައި ނަމަވެސް އެ ސްކޫލާއި އެމްޑީޕީ ސަރުކާރާ އެއްވެސް ގުޅުމެއްނެތް ކަން ލިޔެކިޔުންތަކުން ހާމަވެއެވެ.

އެންމެ ޒަމާނީ ވަޞީލަތްތަކާއެގު ގާއިމުކުރި ޝަހީދު ޢަލީ ސްކޫލުގެ ބިންގާ އެޅިތާ 18 މަސްތެރޭ މަސައްކަތް ނިންމާ މި އަހަރުގެ ދިރާސީ އަހަރު ފެށުނު ދުވަހު، 27 ޖެނުއަރީ 2026 ގައި ހުޅުވިގެން ދިޔަ ސްކޫލުގެ ކުރެޑިޓް ނަގަން މަސައްކަތް ކުރާ ފަރާތްތަކަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ވަނީ ރައްދު ދެއްވައިފައެވެ.

ވަޒީރު ވިދާޅުވީ ކަންކަން ރާވައި، ހިންގައި، ތަންފީޒުވަމުންދާތަން ފެނުމުން އެ ކަމުގެ ކްރެޑިޓް ނަގަން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި "ޝަހީދު ޢަލީ ސްކޫލް" މި ނަމަކީ ވެސް ރައީސް ޑރ. މުއިއްޒު ދެއްވި ނަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުދައްރިސުންނާއި ދަރިވަރުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފަހިކޮށްދިނުން ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ތައުލީމީ ދާއިރާގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށާއި ސްކޫލްތައް މަރާމާތު ނުކޮށް ބާކީކޮށްލާފައި ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.  

އެމްޑީޕީ ސަރުކާރުން މިގޮތަށް ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް ވެސް އެޅިއެވެ.

މިކަން ހިނގާފައިވާ ގޮތަކީ އެމްޑީޕީ ސަރުކާރުން 2022 ސެޕްޓެމްބަރުގައި ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރިއެވެ. ނަމަވެސް ބާ އިމާރާތް ތަޅައިލުން ފިޔަވާ އެ މަސައްކަތް ކުރިއަށް ނުދާތީ، ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ސަރުކާރުގެ ތަޢުލީމީ ވަޒީރު ޑރ. އައިޝަތު ޢަލީ ޙާޟިރު ކޮށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް އެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ދެންނެވިއެވެ.

މެމްބަރު ޠާރިޤް އެ ސުވާލު ދެންނެވީ 10 އޭޕްރީލް 2023 ގައެވެ. ޖަވާބުގައި ވަޒީރު ޢާއިޝަތު ޢަލީ ވިދާޅުވީ، ބާ ޖަމާލުއްދީން ހުރި ބިމުގައި އިމާރާތް ކުރަމުން އަންނަ ޢަރަބިއްޔާ ސުކޫލުގެ ޢަމަލީ މަސައްކަތް އެ ދުވަހު ފެށިފައިވާ ކަމަށާއި އެއިމާރާތުގެ މަސައްކަތް ނިމި، ސުކޫލުގެ ކިޔެވުން ފެށޭނީ 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރަށް ކަަމަށެވެ. (މި ވާހަކަތައް މަޖިލީހުގެ ޔައުމިއްޔާއިން ފެންނަން ހުންނާނެއެވެ.)

އެމްޑީޕީ ސަރުކާރުގެ ތަޢުލީމީ ވަޒީރު އެ ދުވަހު މިފަދައިން ވިދާޅުވި ނަމަވެސް އެ ބިމުގައި އިމާރާތެއް ކޮށްފައިވާ ތަން ފެނޭތޯއެވެ. މިއަދުވެސް އެ ވިދާޅުވަނީ އެފަދަ ހުވަފެނީ ވާހަކަތަކެކެވެ. ނަމަވެސް ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ ވެސް 17 ނޮވެމްބަރު 2024ގައި މި ސަރުކާރުން އަޅައި 2027 ޖެނުއަރީގައި ހުޅުވުމަށް އެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.

ޝަހީދު ޢަލީ ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލު ޝަފީޢު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ސުކޫލްގެ ބިންގާ އެޅިގެން ދިޔައިރު، ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުން ފާއިތުވީ އެންމެ މަސްދުވަހެވެ.

ޝަހީދު ޢަލީ ސްކޫލުގެ ކްރެޑިޓް ނަގަން އެމްޑީޕީގެ އެކްޓިވިސްޓުން މަސައްކަތް ކުރަމުން އަންނައިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުން 21 ޖޫން 2021 ގައި ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުން ސްކޫލެއް އަޅަން އާރުސީސީއާ ހަވާލު ކުރިއެވެ. ނަމަވެސް އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި ހަމަ އެ އަހަރުގެ ފެބްރުއަރީގައި ޞަލާޙުއްދީން ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާ ހަވާލު ކުރިއެވެ. އެމްޑީޕީ ސަރުކާރުގެ ދައުރު ނިމެން 2 ދުވަހަކަށް ވެފައި ވަނިކޮށް 2023 ނޮވެމްބަރުގައި ޞަލާޙުއްދީން ސްކޫލްގެ މަސައްކަތް ވަނީ ނިންމައިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އާރުސީސީއާއި ހަވާލުކުރި މަޝްރޫއު އެމްޑީޕީ ސަރުކާރުން ހުއްޓުވީ އާރުސީސީގެ ޗެއާމަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މިހާރުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ޕާޓީ އެމްއެންޕީ 2021 ގައި ރަޖިސްޓްރީ ކުރެވި އެ ޕާޓީގެ ރައީސަކަށް ނާޒިމް ވެވަޑައިގަތުމާ ގުޅިގެންނެވެ.

އެ މަޝްރޫޢު ހުއްޓުވި ނަމަވެސް އެމްޑީޕީގެ ސަރުކާރުން 2022 ވަނަ އަހަރު، އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް2 ގައި 23 މިލިއަން ރުފިޔާއަށް ޓިނުން ވަގުތީ ސްކޫލެއް (ކާމިލް ދީދީ) ބިނާކުރިއެވެ.

ޝަހީދު ޢަލީ ސްކޫލްގެ މަސައްކަތް ކުރިއަށް ނުގެންދިޔަތާ އެ ސްކޫލުގެ ބިންގާ ވެސް އެމްޑީޕީ ސަރުކާރުން އަޅާފައެއް ނުވެއެވެ. ކުރި ކަމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލެއް އަޅަން ނިންމުމާއި އެއްބަސްވުމެއްގައި ސޮއި ކުރުމެވެ.

ޝަހީދު ޢަލީ ސްކޫލަކީ ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ، 3،000 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. 2100 ވަރަކަށް ދަރިވަރުންނާއިއެކު ފެށިގެންދިޔަ މި ސްކޫލުގައި ޒަމާނީ ވަސީލަތްތަކާއެކު 54 ކްލާސްރޫމާއި، ސައިންސް 3 ލެބް އަދި ކޮމްޕިއުޓަރު ލެބްތަކާއި، އޮޑިޓޯރިއަމްގެ އިތުރުން ކުޅިވަރު ކުޅޭނެ ޓާފް ދަނޑަކާއި އިންޑޯ ހޯލެއް ހިމެނެއެވެ.

 

 

 

 

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް