logo
logo
ރަމަޟާންމަހު އަސާސީ މުދަލުގެ އަގު ބޮޑުވިޔަ ނުދޭން ސަރުކާރުން ފިޔަވަޅު އަޅާނަން: ސަޢީދު

ރަމަޟާންމަހު އަސާސީ މުދަލުގެ އަގު ބޮޑުވިޔަ ނުދޭން ސަރުކާރުން ފިޔަވަޅު އަޅާނަން: ސަޢީދު

2025 ފެބްރުއަރީ 16
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

ރަމަޟާން މަހު އަސާސީ މުދަލުގެ އަގު ބޮޑުވެގެން ދާނަމަ ސަރުކާރުން، އެކަމުގެ ތެރެއަށް ވަދެ، ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށް ގެންދާ "އަހާ " ފޯރަމްގައި ވާހަކަދައްވަމުން ސައީދު ވިދާޅުވީ، ވޯލްޑް ބޭންކްގެ ރިޕޯޓްގައި މި އަހަރު ރާއްޖޭގެ ތަކެތީގެ އަގު %7 މައްޗަށް ދާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ ދުވަހަކުވެސް އިންފްލޭޝަނެއް އަރައިގެން ދިޔަ ވަރެއް ނޫން ކަމަށާ އެހެންވެ ސަރުކާރުން އެޅި ފިޔަވަޅުތަކުން، ތަކެތީގެ، އަގުތައް މައްޗަށް ދިޔަނުދީ ހިފެހެއްޓޭނެ ކަމަށެވެ.

ސަޢީދު ވިދާޅުވީ ސަރުކާރުން ކުރިއަށް ވިސްނާ އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގައި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު %3 އަށްވުރެ ދަށުގައި މިހާރުވެސް މެނޭޖްކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހުވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށެވެ.

ވަޒީރު ސަޢީދު ވިދާޅުވީ މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްކުރެއްވި ކަމަށާއި އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ. އެހެންވެ މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަސާސީ މުދަލުގެ އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތެއް ސަރުކާރުން އެކުލަވާލާފައިވާ ކަމަށާ އޭގެތެރޭގައި 183 ބާވަތެއް ހިމެނޭއިރު، އޭގެ ތެރެއިން 54 ބާވަތް ރަމަަޟާން މަހަށް ޚާއްސަކޮށްފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

"ފިޔާވެސް އެސްޓީއޯ މެދުވެރިކޮށް ޝިޕްމަންޓްތައް ގެންނަމުން އެދަނީ. އަގުހެޔޮ ކުރާނެ. އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ރަމަޟާން މަހާ ގުޅިގެން ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިތަކުންވެސް މަސައްކަތް ކުރުމަށް ވަޒީރު ސަޢީދު ވަނީ އެދިވަޑައިގަންނަވާފައެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކާ ދިމާވާނަމަ އެކަން ސަރުކާރާ ހިއްސާކުރެއްވުމަށްވެސް ވަޒީރު މުހައްމަދު ސަޢީދު ވަނީ އެދިވަޑައިގަންނަވާފައެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ ބައެއް ކާބޯތަކެތި ރަމަޟާން މަހާ ދިމާކޮށް ބާޒާރުގައި ލިބުން ދަތިވެ އަގުތައް އުފުލޭތީ އެފަދަ ބައެއް ބާވަތްތައް އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފަށާފައިވާކަން ފާހަގަކުރެވެއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް