logologologologo
STO
ޚަބަރު

ޣައްޒާގައި މެނިންޖައިޓިސް ބަލި ފެތުރެމުންދާތީ ޞިއްޙީ "ވަބާގެ ކުއްލި އިންޒާރު" އިޢުލާނުކޮށްފި

ޣައްޒާގައި މެނިންޖައިޓިސް ބަލި ފެތުރެމުންދާތީ ޞިއްޙީ "ވަބާގެ ކުއްލި އިންޒާރު" އިޢުލާނުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 24

އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި މެނިންޖައިޓިސް (ސިކުނޑިއާއި މައިބަދައިގެ ދުލިފަށް ދުޅަވާ ބަލި) ހަލުވިކަމާއެކު ފެތުރެމުންދާތީ، ޣައްޒާގެ ހެލްތު މިނިސްޓްރީން މިއަދު އެ ސަރަހައްދުގައި "ވަބާގެ ކުއްލި އިންޒާރު" އިޢުލާނުކޮށްފިއެވެ.

ޣައްޒާ ސިޓީގެ އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. ނިޟާލް ޣުނައިމް ވިދާޅުވީ، ޣައްޒާގައި މި ބަލި ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން، އާންމު ގޮތެއްގައި ޣައްޒާއިން މަހެއްގެ މައްޗަށް މެނިންޖައިޓިސްގެ 30 އާއި 50 އާ ދެމެދުގެ ކޭސް ފެނުނު ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހު އެކަނި ވެސް 272 ކޭސް ރެކޯޑްކުރެވިފައިވާ ކަމަށާއި، މިއީ އާންމު ނިސްބަތަށްވުރެ އަށް ގުނަ އިތުރު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބަލީގެ އެންމެ ނުރައްކާތެރި ބާވަތް ކަމަށްވާ "ބެކްޓީރިއަލް މެނިންޖައިޓިސް" ޖެހޭ މިންވަރު ވަނީ މަހަކު 10-20 ކޭސްއިން އޮކްޓޯބަރު މަހު 108 ކޭސްއަށް އިތުރުވެފައެވެ. އަދި މި ހިނގާ ނޮވެންބަރު މަސް ފެށުނު ފަހުން މިހާތަނަށް އިތުރު 100 ކޭސް ވަނީ ފެނިފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ފެށުނު ފަހުން މި ބަލީގައި 15 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ފަސް މީހުން މަރުވެފައިވަނީ އޮގަސްޓް މަހާއި އޮކްޓޯބަރު މަހާ ދެމެދުގައެވެ.

ޞިއްޙީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މި ބަލި މިހާ ހަލުވިކަމާއެކު ފެތުރެން މެދުވެރިވި މައިގަނޑު ސަބަބަކީ، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ ނަރުދަމާ ނިޒާމުތައް ހަލާކުވެ، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޯފެނުގެ ތެރެއަށް ނަޖިސް އެކުވެފައިވުމެވެ.

މީގެ އިތުރުން، ގެދޮރު ގެއްލިފައިވާ އެތައް ލައްކަ ބަޔަކު ސާފުތާހިރުކަން ކުޑަ ޓެންޓުތަކާއި ސްކޫލްތަކުގައި ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވުމާއި، ފެނާއި ނަރުދަމާ މަރާމާތުކުރާ ސާމާނާއި ޑީސަލް ޣައްޒާއަށް ވެއްދުމަށް އިސްރާއީލުން ހުރަސްއަޅަމުންދާތީ، ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.

އ.ދ ގެ ތަފާސްހިސާބުތަކަށް ހަވާލާދީ ޞިއްޙީ އިދާރާތަކުން ބުނީ، މި ބަލީގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ތުއްތު ކުދިންނަށް ކަމަށެވެ. އެގޮތުން ބަލި ޖެހޭ މީހުންގެ 77 އިންސައްތައަކީ އުމުރުން އެއް އަހަރުން ދަށުގެ ކުދިންނެވެ. މި ބަލީގެ ސަބަބުން ކުދިންގެ ސިކުނޑިއަށް ދާއިމީ ގެއްލުންވުމާއި، ލޮލަށް ނުފެނުން އަދި ކަންފަތަށް އަޑުނީވުން ފަދަ ނުރައްކާތައް ކުރިމަތިވެއެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން، ޑަބްލިއުއެޗްއޯއާއި ޔުނިސެފް ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަގުތުން ކުއްލި ޙާލަތުގެ ޕްލޭނެއް އެކުލަވާލައި، ބަލި ދެނެގަންނަ ލެބޯޓްރީ ސާމާނާއި، އެންޓިބަޔޮޓިކްސް ބޭސްތަކުގެ އިތުރުން ބަލިމީހުން އެކަހެރިކޮށްގެން ފަރުވާދޭނެ ވޯޑުތައް ޤާއިމުކޮށްދިނުމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ހަމައެއާއެކު، ގަދައަށް ހުންއައުން، ބޮލުގައި ރިއްސުން، ކަނދުރާ ހަރުވުން ނުވަތަ މެދުނުކެނޑި ހޮޑުލެވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ދިއުމަށް ޢާންމުންނަށް ވަނީ އިރުޝާދު ދީފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް