ޣައްޒާއަށް ބޯކޮށް ވާރޭ ވެހި 70،000 ޓެންޓު ފެނުއަޑީގައި

ޣައްޒާއަށް ކުރި ބޯ ވިއްސާރައާއި ގަދަ ވަޔާއެކު އައި ތޫފާނެއްގައި، ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ 70،000 އަށްވުރެ ގިނަ ޓެންޓުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ފިނިމޫސުމުގެ ފުރަތަމަ ތޫފާނާއެކު މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ޣައްޒާއަށް ބޯކޮށް ވާރޭވެހި، ކޭމްޕްތަކުގައި ވަނީ ކަކުލާ ހަމައަށް ފެންބޮޑުވެފައެވެ. މި ހާދިސާގައި ޓެންޓުތަކުގައި ހުރި ގޮދަޑިތަކާއި، ރަޖާތަކާއި އަދި އަންނައުނު ފަދަ ޒަރޫރީ ތަކެތި ވަނީ ފެނުއަޑިއަށް ގޮސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި ވިއްސާރަ ފެށުނުތާ ފުރަތަމަ 12 ގަޑިއިރު ތެރޭގައި 70،000 ޓެންޓުގައި ފެންބޮޑުވެ، ގާތްގަނޑަކަށް 3 މިލިއަން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ. މީގެ އިތުރުން ދީރުލް ބަލާހްގެ ދެކުނުގައި ހުރި ޓެންޓުތަކެއްގެ މައްޗަށް ވެލި ފުންޏެއް ވެއްޓި، ކުޑަކުދިންތަކެއް ހިމެނޭހެން މަދުވެގެން ފަސް މީހުން ވަނީ މަރުވެފައެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ނަރުދަމާއާއި ފެން ހިންދާ ނިޒާމު ހަލާކުވެފައިވުމާއެކު، ނަޖިސް ފެނާއި ވާރޭފެން އެއްވެ ބަލިމަޑުކަން ފެތުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އދ. އާއި އިންސާނީ އެހީދޭ ޖަމިއްޔާތަކުން ބުނާ ގޮތުގައި، ޣައްޒާގެ ބޭރުގައި 150،000 އަށްވުރެ ގިނަ ޓެންޓާއި އެހީގެ ސާމާނު ތައްޔާރަށް ހުރި ނަމަވެސް، އިޒްރޭލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން އެ ތަކެތި އެތެރެކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މި ޙާލަތާއި ގުޅިގެން ޣައްޒާގެ ސިވިލް ޑިފެންސުން ވަނީ ކުއްލި ޙާލަތު އިޢުލާނުކޮށް، ފިނިމޫސުމުގެ ގަދަ ފިނީގައި ޙާލުގައި ޖެހިފައިވާ 1.4 މިލިއަނެއްހާ ރައްޔިތުންނަށް ވަގުތީ ހިޔާވަހިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް ގޮވާލާފައެވެ.
އިތުރަށް





.gif.gif&w=828&q=100)