logologologologo
STO
ޚަބަރު

ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުވެ އޮންނާނެ: ރައީސުލްޖުމްހޫރިއްޔާ

ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުވެ އޮންނާނެ: ރައީސުލްޖުމްހޫރިއްޔާ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 15

ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައި، ފަލަސްޠީނުގެ ޙައްޤުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުވެ އޮންނާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވައިފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އެމަނިކުފާނު މިއަދު ކުރެއްވި ޕޯސްޓެއްގައި، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށާއި، ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު މުޞްޠަފާގެ އިތުރުން ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންނަށް ވަނީ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

މި އުފާވެރި މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ.

އަދި މިކަމުގައި ދިވެހިރާއްޖޭގެ ފުރިހަމަ އަދި ޝަރުޠެއް ނެތް އެއްބާރުލުމާއި ސާބިތުކަން އަބަދުވެސް ފަލަސްޠީނާއެކު އޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، "ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަންވާނެ މި ޝިޢާރުންނެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އިސްރާއީލުގެ ޢުދުވާންތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ވަނީ ޢަމަލީ ގޮތުން ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް، އިސްރާއީލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމައި، އިމިގްރޭޝަން ޤާނޫނަށް އިޞްލާޙު ގެނެސް އެކަން ވަނީ ތަންފީޒުކުރަން ފަށާފައެވެ۔ މީގެ އިތުރުން، އެއްވެސް ޝަރުޠެއް ނެތި އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ މަނާކުރުން ދާއިމީ ކުރުމަށްވެސް މި ހިނގާ ނޮވެމްބަރު މަހު ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

މީގެއިތުރުން އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ ހިންގާ ޣައިރުޤާނޫނީ ޢަމަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓު، އައިސީޖޭގައި ކުރިއަށްދާ މައްސަލަތަކުގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެ، ފަލަސްޠީނުގެ ޙައްޤުގައި ލިޔުމުންނާއި އަނގަބަހުން ވަކާލާތުކޮށްފައެވެ.

ހަމައެހެންމެ، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ހުށަހެޅި ޤަރާރު ކޯ-ސްޕޮންސަރ ކުރުމުގެ އިތުރުން، ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަޤްވާމީ ކޮންމެ މަންސައެއްގައިވެސް (ދާދިފަހުން ތުރުކީގައި ބޭއްވި ކޮޕް31 ސަމިޓުގެ ހަވާސާގައި ފަލަސްޠީނުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުވުން ހިމެނޭހެން) ފަލަސްޠީނުގެ މިނިވަންކަމަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު ދަނީ ތަކުރާރުކުރައްވަމުންނެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް