logologologologo
STO
ޚަބަރު

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި، ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރާނެ: ރައީސް

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވައި، ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރާނެ: ރައީސް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 25

ދިވެހިރާއްޖޭގެ އަންހެނުންނާއި އަންހެން ކުދިން ޙިމާޔަތްކޮށް، އަނިޔާ ލިބޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަމާއި އިންސާފު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދީ، އެފަދަ ޖަރީމާތައް ހިންގާ ކުށްވެރިން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޖަވާބުދާރީކުރުވުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް ކަމަށެވެ. އަދި ކުށްކުރުމަށްފަހު އަދަބެއް ނުލިބި ބަރީއަވެގެން ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް، ސިޔާސަތުތައް ހަރުދަނާކޮށް ޤައުމީ ފެންވަރުގައި ޢަމަލީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަނިޔާގެ މައްސަލަތައް ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ރިޕޯޓުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރުކޮށް، އެ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އިންސާފު ލިބުމުގައި ހުރި ލަސްތައް ނައްތާލުމަށްޓަކައި، އަނިޔާ ލިބޭ ފަރާތްތަކަށް އެންމެ ފުރަތަމަ އެހީތެރިކަން ދޭ ފަރާތްތަކާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތައް އަދި ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.

އަންހެނުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބާރުވެރިކަން ހޯދައިދިނުމަކީ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ އެންމެ ވަރުގަދަ މަސައްކަތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޖުތަމަޢުގައި އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި އެކަނބަލުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަދު ފެށިގެންދާ "އަނިޔާއާ ދެކޮޅު 16 ދުވަހުގެ" ކެމްޕޭނާ ގުޅުވައިގެން، އަންހެނުންނަށް ކުރާ އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އެއްވެސް އުޒުރެއް ނެތްކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 25 އިން ފެށިގެން ޑިސެމްބަރު 10 ވަނަ ދުވަހާ ހަމައަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގައި އޮންނަ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް، އަނިޔާ ލިބޭ ފަރާތްތަކަށް ވާހަކަދެއްކުމުގެ ހިތްވަރު ދިނުމާއެކު، އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރި އަދި ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް