ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ނަރުހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ނައްތާލައި، އިންސާފުވެރި އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ 14 ވަނަ އެޕިސޯޑުގައި ނަރުހަކު ހިއްސާކުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަދެއްކި ނަރުސް ފާހަގަކުރި ގޮތުގައި، ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތައް ހުރުމާއި، މައްސަލައެއް ދިމާވުމުން އިންސާފު ހޯދުމަށް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. އަދި މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ވެރިންގެ ފަރާތުން އެކަށީގެންވާ ސަމާލުކަމެއް ނުލިބޭ ކަމަށާއި، ބައެއް ތަންތަނުގައި ނަރުހުންގެ މަސައްކަތުގެ ވައްޓަފާޅި ނޭނގޭ ބޭފުޅުން އިސްވެރިންގެ ގޮތުގައި ތިއްބެވުމުން ޒިންމާތައް އަދާކުރުމުގައި ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައަކީ އައިޖީއެމްއެޗް ފަދަ ތަންތަނުގެ ނަރުހުންނަށްވެސް ދިމާވެފައިވާ ކަމެއްކަން ފާހަގަކޮށް، ހަރުދަނާ އުސޫލެއްގެ ދަށުން މިކަން ބެލޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އޭނާ އެދުނެވެ.
މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ނަރުހުންނަކީ ޤައުމަށް ވަރަށް މުހިންމު ޚިދުމަތެއް ކޮށްދޭ ބައެއް ކަމަށާއި، އެ ބޭފުޅުންނަށް ދިމާވާ މައްސަލަތައް ސަރުކާރުން ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށެވެ. އަދި މުވައްޒަފުންގެ ޝަކުވާތައް އަޑުއަހައި، ދެފުށް ފެންނަ ގޮތެއްގައި ޖަވާބުދާރީވާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މަސައްކަތުގެ މާހައުލު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޖިންސީ ފުރައްސާރައާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހި ވަޒީފާގެ މާހައުލެއް ހޯދައިދިނުމަށްވެސް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)