logologologologo
STO
ޚަބަރު

ޣައްޒާއަށް ބޯކޮށް ވާރޭ ވެހި ޓެންޓުތަކުގައި ފެންބޮޑުވެ އިތުރު ނިކަމެތިކަމެއް

ޣައްޒާއަށް ބޯކޮށް ވާރޭ ވެހި ޓެންޓުތަކުގައި ފެންބޮޑުވެ އިތުރު ނިކަމެތިކަމެއް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 07

ޣައްޒާއަށް ބޯކޮށް ވާރޭ ވެހި ޓެންޓުތަކުގައި ފެންބޮޑުވެއްޖެއެވެ.

ޣައްޒާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވުމަށް ވަގުތީ ފޭލިގެތަކުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ އެތައް ހާސް ބައެއްގެ ފޭލިގެތައް ފެނުއަޑިއަށް ގޮސް، އިންސާނީ ޙާލަތު އިންތިހާއަށް ގޯސްވެއްޖެ ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފިއެވެ.

މި އަހަރުގެ ފުރަތަމަ ފިނި މޫސުމުގެ ވިއްސާރައިގައި ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީއަށް އެންމެ 10 ގަޑިއިރު ތެރޭގައި އެހީއަށް އެދި 1،500 އަށްވުރެ ގިނަ ކޯލް ލިބިފައިވާއިރު، ބައެއް ސަރަހައްދުތަކުގައި 30 އިން 40 ސެންޓިމީޓަރަށް ފެންބޮޑުވެފައިވެއެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ބިނާވެށީގެ 81 އިންސައްތަ އިމާރާތް ވަނީ ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތައް ވެފައެވެ. މީގެ ތެރޭގައި 92 އިންސައްތަ ގެދޮރު ހިމެނެއެވެ.
ޣައްޒާއަށް ކުރިން ދީފައިވާ ހަމަލާތަކުގައި ރެނދުލައި ބަލިކަށިވެފައި ހުރި ބައެއް އިމާރާތްތަކުގެ ފާރުތައް ވިއްސާރައިގެ ސަބަބުން ވެއްޓި، އާންމުން ޒަހަމްވުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 74,640 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 175,940 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

ޣައްޒާގެ 1.5 މިލިއަނަށްވުރެ ގިނަ ރައްޔިތުން ގެދޮރު ގެއްލި ހާލުގައި އުޅެމުންދާއިރު، އޭގެ ތެރެއިން 400,000 އެއްހާ މީހުން ދިރިއުޅެނީ ކަނޑުގެ އައްސޭރިފަށާއި ފެންބޮޑުވުމުގެ ނުރައްކާ އޮތް ތަންތަނުގައެވެ. ޣައްޒާގެ ފެނާއި ނަޖިސް ހިންދާ ނިޒާމުގެ 85 އިންސައްތަ ހަލާކުވެފައިވުމުގެ ސަބަބުން، ތަޣައްޔަރުވެފައިވާ ފެނުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް އިތުރުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

 

View post on Twitter

 

އިސްރާއީލުން ޣައްޒާ ބަންދުކޮށް، އދ. ގެ އެހީދޭ ޖަމްއިއްޔާ، އަންރުވާ މެދުވެރިކޮށް އެހީ ވެއްދުމަށް ހުރަސްއަޅަމުންދާތީ، މި ފިނި މޫސުމަށް ބޭނުންވާ ރައްކާތެރި ފޭލިގެ އަދި ހީޓަރު ފަދަ ޒަރޫރީ ސާމާނު ޣައްޒާގެ ރައްޔިތުންނަށް ލިބޭނެ ގޮތެއް މިހާރަކު ނެތެވެ.

ޚަބަރުތައް ބުނާގޮތުން ޣައްޒާގެ މަގުތަކުގައި ފެންބޮޑުވެފައިވަނީ ކޯރުތަކެއް ފަދައިންނެވެ. ހަމަލާތަކުން ސަލާމަތްވި ނަމަވެސް، ފިނިގަދަވުމާއި ކާބޯތަކެތި ހުސްވުމުގެ ސަބަބުން ކޮންމެ ސިކުންތަކީވެސް ފަލަސްތީނުގެ ރައްޔިތުން މަރާ ހަނގުރާމަކުރަމުންދާ ވަގުތުތަކެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް