ޞިއްޙީ ޚިދުމަތްތެރިންނަށް އިސްރާއީލުން ދޭ ހަމަލާތައް %350 އިތުރުވެއްޖެ: ރައިޓްސް ގްރޫޕް

އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި މަސައްކަތްކުރާ ފަލަސްޠީނުގެ ޞިއްޙީ ޚިދުމަތްތެރިންނަށް އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިންގެ ފަރާތުން އަމާޒުވާ ހަމަލާތައް 350 އިންސައްތަ އިތުރުވެފައިވާ ކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމަށްވާ ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިސްރާއީލް (ޕީއެޗްއާރްއައި) އިން ބުނެފިއެވެ.
ހޯމަ ދުވަހު އެ ޖަމާޢަތުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2022 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު ފަލަސްޠީނުގެ ޞިއްޙީ ޚިދުމަތްތެރިންނަށް ކުރިމަތިވި ހަމަލާތަކާއި ބިރުދެއްކުމުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޞިއްޙީ ޚިދުމަތްތެރިންކަން ސާފުކޮށް އެނގޭ ގޮތަށް ޔުނީފޯމުގައި ތިބޭއިރުވެސް، ކުއްލި ފަރުވާ ދިނުމަށް ކުރާ މަސައްކަތްތަކަށް އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހުރަސްއަޅައި، ޖިސްމާނީ ގޮތުން އަނިޔާކޮށް، ބިރުދައްކަމުންދާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓު އެކުލަވާލުމަށް 25 ޞިއްޙީ ޚިދުމަތްތެރިންނާ އިންޓަވިއު ކޮށްފައިވާއިރު، ނާބްލުސް ސަރަޙައްދުގެ ޕެރަމެޑިކަކު ވަނީ ޒަޚަމްވެފައި އޮތް މީހަކަށް ފަރުވާ ދިނުމަށް އިސްރާއީލު ސިފައިން ހުރަސްއެޅި ހިތާމަވެރި ހާދިސާއެއް ކިޔައިދީފައެވެ. އޭނާ ބުނި ގޮތުގައި ޒަޚަމްވެފައި އޮތް މީހާއާ ވަރަށް ގާތުގައި ހުރެ، ފަސޭހައިން އެހީތެރިކަން ފޯރުކޮށްދެވެން އޮތް ނަމަވެސް ސިފައިން ވަނީ އެކަމަށް ހުރަސްއަޅާފައެވެ. އަދި އެ މީހާ ލޭއޮހޮރިގެން ގޮސް މަރުވަންދެން ސިފައިން އެތަނުގައި ތިބުމަށްފަހު، އެ މީހުން ދިއުމުން ނޫނީ އެ ހަށިގަނޑާ ގާތްވުމުގެ ފުރުޞަތު ނުލިބުނު ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން ބަޑި ދިއްކޮށްގެން ބިރުދެއްކުމާއި، އިހާނެތިކޮށް ބަލައި ފާސްކުރުމުގެ ސަބަބުން ކޮންމެ ދުވަހަކުވެސް މަސައްކަތަށް ނުކުންނަނީ ފުރާނައަށް ނުރައްކާ އޮތް ޙާލަތެއްގައި ކަމަށް އެމްބިއުލާންސް ޑްރައިވަރަކު ބުނެފައިވެއެވެ. ރިޕޯޓު އެކުލަވާލި ޢިމްރާން ޢަނާތީ ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު، ހުޅަނގު އައްސޭރީގައި ޞިއްޙީ ނިޒާމަށް ދެމުންދާ ހަމަލާތައް ވަނީ ނުރައްކާތެރި މިންވަރަކަށް އިތުރުވެފައެވެ. އަދި މިއީ ވަކިވަކި ހާދިސާތަކެއްގެ ބަދަލުގައި ފަލަސްޠީނުގެ ކުއްލި ޞިއްޙީ ޚިދުމަތް ނައްތާލުމަށް އިސްރާއީލުން ރާވައިގެން ހިންގާ ޢަމަލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި އަހަރު އެކަނިވެސް ހުޅަނގު އައްސޭރީގެ ޞިއްޙީ ޚިދުމަތްތަކަށް 233 ހަމަލާއެއް ދީފައިވާއިރު، އޭގެ ތެރޭގައި އެމްބިއުލާންސްތަކަށް ހުރަސްއެޅި 165 ހާދިސާ ހިމެނެއެވެ. އިސްރާއީލުގެ ޗެކްޕޮއިންޓްތަކުން އެމްބިއުލާންސްތައް ހުއްޓުވައި ދިގު މަގުތަކުން ދަތުރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުދެވި މަގުމަތީގައި ބައެއް ބަލިމީހުން މަރުވަމުންދާ ކަމަށާއި، މާބަނޑު އަންހެނުން ހޮސްޕިޓަލުން ބޭރުގައި ވިހަން ޖެހޭ ހާލަތްތައް ކުރިމަތިވަމުންދާ ކަމަށްވެސް ރިޕޯޓުގައިވެއެވެ. ޕީއެޗްއާރްއައި އިން ވަނީ ހުޅަނގު އައްސޭރީގެ ޞިއްޙީ ނިޒާމު އެއްކޮށް ފުނޑުފުނޑުވުމުގެ ބިރު އޮތް ކަމުގެ އިންޒާރު މީގެ ކުރިންވެސް ދީފައެވެ.
އިތުރަށް





.gif.gif&w=828&q=100)