ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ދަށުން ބީއެމްއެލް މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާ ދޫކޮށްފި

ސަރުކާރުން ތަޢާރަފުކުރި "ހިޔާވަހި ފައިނޭންސިންގ ސްކީމު" ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އެކަނިވެސް މިހާތަނަށް 1.1 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދުކުރުމުގެ ބަދަލުގައި ސަބްސިޑީ ދީގެންނާއި އުފެއްދުންތެރި އެހެން ގޮތްތައް މެދުވެރިކޮށް ބޯހިޔާވަހިކަމަށް ބޮޑު ހޭދައެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ހިޔާވަހި ސްކީމުގެ ދަށުން ލޯނުގެ އިންޓްރެސްޓް ރޭޓް ދައުލަތުން ސަބްސިޑައިޒްކޮށްދީގެން، 1.1 ބިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކުރެވިފައިވާ ކަމަށް ޑރ. މުއްތަލިބު ފާހަގަކުރެއްވިއެވެ.
އިސްލާމިކް ފައިނޭންސިންގ އުސޫލުން އަމިއްލަ ބިމުގައި ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ހުޅުވާލި މި ސްކީމަށް ކުރިމަތިލި 2،256 ފަރާތުގެ ތެރެއިން، ޝަރުޠު ހަމަވި 840 ފަރާތަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމަށް މިހާރު ވަނީ ބޭންކަށް ފޮނުވާފައެވެ. މީގެ އިތުރުން، ގެދޮރު އެޅުމަށް ނަގާ ލޯނުތަކުގެ އިކުއިޓީ 20 އިންސައްތައިން 5 އިންސައްތައަށް ކުޑަކޮށްދީ، އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހިލޭ އިކުއިޓީ ފޯރުކޮށްދޭ ޚާއްޞަ ސްކީމެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދަށް ގެނައި އިޞްލާޙާއެކު، ބޭންކުތަކުން ދޫކުރާ ލޯނުގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް 5 އިންސައްތަ އިންޓްރެސްޓުގައި ބޯހިޔާވަހިކަމަށް ހޭދަކުރަން ލާޒިމުވުމުން، ބީއެމްއެލްއިން 4،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ވަޢުދުފުޅާ އެއްގޮތަށް، ހިނގަމުންދާ 2026 ވަނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަންނަ 2027 ވަނަ އަހަރުގެ ބަޖެޓުގައި މި ދާއިރާއަށް 3 ބިލިއަން ރުފިޔާ ޚާއްޞަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އިތުރަށް





.gif.gif&w=828&q=100)