ބީއެމްއެލްއިން އިމާރާތްކުރާ 182 ފްލެޓުގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވަހިކަން އެންމެނަށް" މަޝްރޫޢުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތަރައްޤީކުރާ ފްލެޓުތަކުގެ ތެރެއިން 182 ފްލެޓުގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މި 182 ފްލެޓު އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އެފްޑަބްލިޔު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ހުޅުމާލެ ފޭސް 1 ގައި ހުންނަ ފުލުހުންގެ ފްލެޓުތަކުގެ ކުރިމައްޗަށްވާ ގޮތަށް އޮތް ބިމުގައި ތަރައްޤީކުރާ މި އިމާރާތުގައި ހިމެނެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ލަފާކުރެއެވެ.
ހެޔޮ އަގެއްގައި އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާ ބިޔަ މަޝްރޫޢުގެ ދަށުން، ހުޅުމާލެ ފޭސް 1 އާއި ފޭސް 3 އަދި ވިލިމާލޭގައި ޖުމްލަ 3,260 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.
މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ އެހެނިހެން މަސައްކަތްތައް:
- ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ): ހުޅުމާލޭގައި 1,224 ހައުސިންގ ޔުނިޓް އިމާރާތްކުރުން.
- ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ): 1,190 ހައުސިންގ ޔުނިޓް ތަރައްޤީކުރުން.
- އަމީން ކޮންސްޓްރަކްޝަން: 364 ހައުސިންގ ޔުނިޓް އިމާރާތްކުރުން.
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ): ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް އެޅުން.
ބީއެމްއެލްއިން ނިންމާފައިވަނީ މި ހުރިހާ ހައުސިންގ ޔުނިޓްތަކެއް އިމާރާތްކޮށް ނިމުމުން، ކުލި ދައްކައި ޚަލާޞްކުރުމުން އެ ތަންތަން މިލްކުވާ "ލީސް-ޓު-އޯން" މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ.
އިތުރަށް





.gif.gif&w=828&q=100)