ޒުވާން ވިޔަފާރިވެރިންގެ "ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން"ގެ ދެވަނަ ބުރަށް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ "ޔޫތު އޮންޓްރަޕްރިނަޝިޕް ފައިނޭންސިން" ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި ފެސިލިޓީއަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ އުފެއްދުންތެރި ވިޔަފާރި ޚިޔާލުތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ލުއިފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ. އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ދޫކުރާ މި ފައިނޭންސިންގެ ދަށުން، އެއްވެސް އަމިއްލަ ޚަރަދެއް ކުރަންނުޖެހި އަދި ރަހުނަކާ ނުލައި 150,000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަހަރަކު 7 އިންސައްތައިގެ ފައިދާ ރޭޓުގައި ދޫކުރާ މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތާއި ވިޔަފާރި ހިންގުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުމަށް އޮންލައިން މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފުރިހަމަކުރަންޖެހެއެވެ. އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ތަމްރީނު ނިންމުމަށްފަހު، ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައި ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި، މި ފެސިލިޓީގެ ސަބަބުން ޒުވާނުން ބޭނުންވި ފަދަ ވިޔަފާރިތައް ފެށުމުގެ ފުރުސަތު ހޯދައިދެވުމަކީ އުފަލެއް ކަމަށެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 3,000 އަށްވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައެވެ.
އިތުރަށް





.gif.gif&w=828&q=100)