logologologologo
STO
ވިޔަފާރި

ބީއެމްއެލްގެ ރުފިޔާ ކާޑުން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކުގެ ލިމިޓަށް މަހަކު 16 މިލިއަން ޑޮލަރު

ބީއެމްއެލްގެ ރުފިޔާ ކާޑުން ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކުގެ ލިމިޓަށް މަހަކު 16 މިލިއަން ޑޮލަރު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 12

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން ކުރާ އީ-ކޮމާސް މުއާމަލާތްތަކަށް ދެމެހެއްޓެނިވި އަދި ދެފުށް ފެންނަ އުސޫލަކުން ދުވާލަކު ކުރެވޭނެ ލިމިޓްތަކެއް ކަނޑައަޅައި، އެކަން އިއުލާނުކޮށްފިއެވެ. މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ކެޓަގަރީތަކަށް ބަހާލައިގެން ގެނެވުނު މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހު (13 ސެޕްޓެންބަރު 2026) އިން ފެށިގެންނެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި، ކާޑުތަކުން ކުރާ އީ-ކޮމާސް މުއާމަލާތްތަކުގެ އަދަދު ދުވާލަކު އެވްރެޖްކޮށް 20،000 އަށްވުރެ މަތިވެފައިވާއިރު، ޑޮލަރަށް އޮތް ޑިމާންޑް ވަނީ ބޭންކަށް ލިބެން ހުރި މިންވަރަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ. މީގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ގޮންޖެހުންތައް ކުރިމަތިވެ، ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފަދަ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް ދިމާވަމުންދާތީ، މި ފިޔަވަޅަކީ ޒަރޫރީ ނޫން ޚަރަދުތައް ކޮންޓްރޯލްކޮށް ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގައި ރީސެޓްވާ ގޮތަށް ކަނޑައެޅިފައިވާ ދުވަހު ލިމިޓްތަކުގެ ތަފްސީލު:

  • އެންމެ ގިނައިން ވިޔަފާރިކުރާ 150 ޕްލެޓްފޯމް (ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން): މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).
  • ސޯޝަލް މީޑިއާ (މެޓާ/ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް): މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު).
  • ދަތުރުފަތުރާއި ހޮޓެލް ބުކިން: މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު). އަމިއްލަ ދަތުރުތަކަށް އިސްކަންދިނުމުގެ ގޮތުން ކޮންމެ ކަސްޓަމަރަކަށް ތިން މަސްދުވަހު ކުރެވޭނީ ގިނަވެގެން 3 މުއާމަލާތެވެ.
  • ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި މުހިންމު ޚިދުމަތްތައް: މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު).
  • އެހެނިހެން ހުރިހާ ވިޔަފާރިތައް: މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު).
  • ސިއްހަތާއި ތައުލީމު: ވަކި ލިމިޓެއް ނޯންނާނެއެވެ. މެދުނުކެނޑި ޚިދުމަތް ދިނުމަށް ކެޓަގަރީތަކުގެ ބޭރުން ހާއްސަ ބަފަރއެއް ދަމަހައްޓާނެއެވެ.

ވަކި ކެޓަގަރީއެއްގެ ދުވަހު ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު އަލުން މުއާމަލާތް ކުރުމަށް ނުވަތަ ޑޮލަރު ކާޑެއް ބޭނުންކުރުމަށް ބީއެމްއެލްއިން އިރުޝާދު ދެއެވެ. އަދި ހާލަތަށް ރިއާޔަތްކޮށް މި ލިމިޓްތައް ދޭތެރެދޭތެރެއިން މުރާޖައާ ކުރަމުންދާނެ ކަމަށްވެސް ބޭންކުން ހާމަކުރެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް