ރަސްމާލެ ހިއްކަން ޚަރަދުވާނީ ގާތްގަނޑަކަށް 330 މިލިޔަން ޑޮލަރު: މުއްޠަލިބް

ރަސްމާލެ ހިއްކަން ޚަރަދުވާނީ ގާތްގަނޑަކަށް 330 މިލިޔަން ޑޮލަރު ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމް ގުޅިގެން މިރޭ ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫޢަށް ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑުތަނުން ޚަރަދު ކުޑަކުރެވި، މަޝްރޫޢު ނިންމުމަށް މިހާރު ހޭދަވާނީ ގާތްގަނޑަކަށް 330 މިލިޔަން ޑޮލަރު ކަމަށެވެ.
މުއްޠަލިބު ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށިއިރު މުޅި މަޝްރޫޢަށް ގާތްގަނޑަކަށް 500 އާއި 700 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ކުރިން އެމަނިކުފާނު ވިދާޅުވެފައިވާނެ ކަމަށެވެ. އެ ހިސާބުތައް އޭރު ބައްޓަންކުރެވުނީ އެ ދުވަސްވަރު ސަރުކާރުން ހިންގަމުންދިޔަ މަޝްރޫޢުތަކަށާއި، އޭރުގެ މާކެޓް ރޭޓުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުން ހިމަނައިގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު ވީހާވެސް ޚަރަދު ކުޑަކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މުއްޠަލިބް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށާއި، އެ ހިސާބަށް ދާއިރު މަޝްރޫޢަށް ހިނގާނީ ގާތްގަނޑަކަށް 330 މިލިޔަން ޑޮލަރު ކަމަށެވެ.
މުޅި ރަސްމާލޭގެ 1109 ހެކްޓަރު ހިއްކުމަށްޓަކައި ދަޢުލަތުން ޚަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 330 މިލިޔަން ޑޮލަރު ކަމަށާއި، 500 ހެކްޓަރަށް ބަލާފިކަމުގައިވާނަމަ އެއީ 160 މިލިޔަން ޑޮލަރުވަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުރިން ވިދާޅުވި އަދަދު އަަންދާޒާކުރި ކުރީ ސަރުކާރުން ގުޅީފަޅާއި ގިރާވަރުފަޅު ފަދަ މަޝްރޫއަށް ކުރި ޚަރަދަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން އެންމެ ޚަރަދު ކުޑަގޮތެއްގައި މަޝްރޫޢު ކުރިއަށްގެންދިއުމަށް ކުރި މަސައްކަތުން، އެ މަޝްރޫޢަށް ޚަރަދުވާނީ 330 މިލިޔަން ޑޮލަރު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުުޅުގައި ސިޔާސީ އެކިއެކި ބޭނުމުގައި އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް މި މަޝްރޫއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރަސްމާލެ ހިއްކުމަށް 700 އާއި 1000 މިލިޔަން ޑޮލަރު މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލެއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ރަށެވެ. މި ރަށުގައި ޔޫއޭއީގެ އީގަލް ހިލްސްއާއި ގުޅިގެން ރިއަލް އެސްޓޭޓް މަޝްރޫޢެއް ހިންގުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)