logologologologo
STO
ޚަބަރު

މިރޭގެ އެއްވުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނާ މަޢުލޫމާތު ހިއްސާކޮށްފައެއް ނުވޭ : ފުލުހުން

މިރޭގެ އެއްވުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނާ މަޢުލޫމާތު ހިއްސާކޮށްފައެއް ނުވޭ : ފުލުހުން
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ނޮވެމްބަރު 13

މިރޭގެ އެއްވުމާ ބެހޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނާ މަޢުލޫމާތު ހިއްސާކޮށްފައެއް ނުވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މިރޭ މާލޭގައި ބޭއްވުމަށް ރާވަމުން އަންނަ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާތަނަށް މަޢުލޫމާތު ހިއްސާ ކޮށްފައިނުވާ ކަމަށެވެ.

އެހެންކަމުން ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއް ނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް އަންގާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިފަދަ އެއްވުން ތަކަކީ އެއްވުމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށްވުމާއެކު، އެ އެއްވުން އެއްވެސް ފަރާތަކަށް ދަތި ނުވާނޭހެން ޤާނޫނީ އިމުގެ ތެރެއިން އިންތިޒާމު ކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މިރޭގެ އެއްވުމުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިންގާ ޢަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބާއްވަން ރާވާފައިވާ މި އެއްވުމަކީ ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓާ ދެކޮޅުހެދުމުގެ ގޮތުން ބާއްވާ އެއްވުމެއްކަން ފާހަގަ ކުރެވެއެވެ.

ދުބާއީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި، އީގަލް ހިލްސްއާއެކު ދިވެހި ސަރުކާރުން ސޮއިކުރަން ތައްޔާރުވަމުން އަންނަ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއަކީ ރަސްމާލޭގައި ތަރައްޤީކުރާ ބިޔަ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެކެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ޒަރީއާއިން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތުގެ ބަޖެޓަށް ބުރަނުވާނެ ގޮތަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އިްްތިޞާދީ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް