ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 35 އީ-ގޭޓް ބަހައްޓައި، ފަތުރުވެރިންނަށްވެސް ޚިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލްގައި ޒަމާނީ 35 "އީ-ގޭޓް" ހަރުކޮށް، ދިވެހިންގެ އިތުރުން ރާއްޖެ އަންނަ އަދި ފުރާ ފަތުރުވެރިންނަށްވެސް އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރެންސް ދިނުމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް އިފްތިތާޙުކުރުމަށް ވީއައިއޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެ ކުރިން ހަމައެކަނި އިލެކްޓްރޯނިކް ޕާސްޕޯޓް ގެންގުޅޭ ދިވެހިންނަށް ޚާއްޞަކޮށްފައި އޮތް މި ޚިދުމަތް މިހާރު ފުޅާކޮށްފައިވާއިރު، އެއާޕޯޓުގެ އެރައިވަލްގައި 20 ގޭޓް އަދި ޑިޕާޗާގައި 15 ގޭޓް ވަނީ ހަރުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން ބޯޑަރުގެ ޚިދުމަތްތައް ޒަމާނީކުރުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށެވެ. އަދި މިހާ ފުޅާ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކަށް އޮޓޮމޭޓެޑް ސީމްލެސް އިމިގްރޭޝަން ކްލިއަރެންސް ދޭ ދެކުނު އޭޝިއާގެ ފުރަތަމަ ޤައުމަކީ ދިވެހިރާއްޖެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަޙްމަދު ފަޞީޙު ވިދާޅުވީ، މި މަޝްރޫޢަކީ ރައީސް ޑރ. މުޢިއްޒުގެ ޚާއްޞަ އިސްނެންގެވުމާއެކު ބައިނަލްއަޤްވާމީ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ޓެކްނިކަލް މަސައްކަތެއް ކަމަށާއި، މީގެ ސަބަބުން ދަތުރުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
އައު އީ-ގޭޓް ނިޒާމުގެ މުހިންމު ކަންކަން:
- ހަލުވި ޚިދުމަތް: ކުރިން އިމިގްރޭޝަން ކައުންޓަރެއްގައި 30 އާއި 50 ސިކުންތާ ދެމެދުގެ ވަގުތެއް ހޭދަވި ނަމަވެސް، އައު އީ-ގޭޓްތަކުން ފޭޝަލް ރިކޮގްނިޝަން އަދި އައިރިސް ސްކޭން މެދުވެރިކޮށް އެންމެ 6 ނުވަތަ 7 ސިކުންތުގެ ތެރޭގައި ކްލިއަރެންސް ނިންމާލެވޭނެއެވެ. އަދި އީ-ގޭޓުން އެތެރެވާ ފަރާތްތައް ފުރާއިރު ޕާސްޕޯޓް ޖަހާކަށް ނުޖެހޭނެއެވެ.
- 46 ޤައުމަކާއި 31 އެއާލައިނަކަށް ފުރުޞަތު: ޚިދުމަތް ފެށިއިރު ކަނޑައެޅިފައިވާ 46 ޤައުމެއްގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށާއި، 31 އެއާލައިނެއްގެ ފަސިންޖަރުންނަށް މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.
- އޮޓޮމޭޓެޑް އީ-ވިސާ: ދަތުރުވެރިޔާ ފުރާ ޤައުމުން ޗެކިން ވުމާއެކު "އިމުގާ" ސިސްޓަމް މެދުވެރިކޮށް ނޮޓިފިކޭޝަނެއް ލިބޭނެއެވެ. އަދި އީ-ގޭޓް ހުރަސްކުރުމާއެކު ވަގުތުން އީމެއިލަށް "އީ-ވިސާ" ފޮނުވޭނެއެވެ. މި ވިސާއަކީ ފަތުރުވެރިޔާ ފުރުމާއެކު ސިސްޓަމުން އަމިއްލައަށް ކެންސަލްވާ ވިސާއެކެވެ.
- ވަރުގަދަ ސަލާމަތީ ފިޔަވަޅު: ޕާސްޕޯޓް ޗިޕްގެ ޞައްޙަކަން ކަށަވަރުކުރުމަށް "ޕެސިވް އޮތެންޓިކޭޝަން" (PA) އަދި "އެކްޓިވް އޮތެންޓިކޭޝަން" (AA) ޓެކްނޮލޮޖީ ބޭނުންކުރާތީ، ބޯޑަރުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެ، އައިޑެންޓިޓީ ފްރޯޑް ހުއްޓުވުމަށް ބޮޑު އެހީއަކަށް ވާނެއެވެ.
މި ނިޒާމާއެކު އެއާޕޯޓު ބާރުބޮޑުވާ ވަގުތުތަކުގައި ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް އުފުލިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިތުރަށް




.gif.gif&w=828&q=100)