ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން، ރައްޔިތުން ވާންޖެހޭނީ ރިވެތި އަޚްލާޤެއްގެ ބަޔަކަށް: ވަޒީރު ހީނާ

ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން ކަމަށާއި، ރައްޔިތުން ވާންޖެހޭނީ ޤައުމަށް ޙުރުމަތްތެރިކޮށް ހިތާ ރިވެތި އަޚްލާޤެއްގެ ވެރި ބަޔަކަށް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ ވެރިކަން ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިދިނުން ކަމަށެވެ. އަދި ދިވެހިންނަކީ މީގެ 1،500 އަހަރު ކުރީއްސުރެ ވެސް ގަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއްކަން ތާރީޚުން ހާމަވާ ކަމަށް ވިދާޅުވިއެވެ.
މީލާދުން 1953 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ރަސްކަމުގެ ނިޒާމެއް އޮތް ނަމަވެސް، ރައްޔިތުންގެ ރުހުމާއެކު ތަޚުތަށް ރަސްކަލަކު ޢައްޔަނުކުރާކަން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ލިޔުއްވުންތަކުން އެނގެން އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ޖުމްހޫރީ ފިކުރަކީ ފަހުގެ ޒަމާނެއްގައި ތަޢާރަފުވި ފިކުރެއް ނަމަވެސް، އިހުޒަމާނުއްސުރެ ދިވެހިންގެ ވެރިކަމުގެ ނިޒާމުގައި ޖުމްހޫރީ ގިނަ ސިފަތަކެއް އެކުލެވިފައި އޮތުމަކީ ޤައުމަށް ލިބިފައިވާ ފަޚުރަކާއި ޝަރަފެއް ކަމަށް ވިދާޅުވިއެވެ.
މީގެ 39 އަހަރު ކުރީގެ ޖުމްހޫރީ ދުވަހުގެ ޖަލްސާއެއްގައި އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ޝިހާބު ދެއްވި ނަޞޭޙަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، އުއްމަތެއްގެ ގޮތުގައި ދެމިތިބެވޭނީ ހަރުދަނާ އަޚްލާޤެއްގެ ބަޔަކަށް ވެގެން ކަމަށެވެ.
"ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުން ކަމުގައިވީހިނދު، އޭގެ ތަރަޚައަކީވެސް ތިޔަ ލޮބުވެތި ރައްޔިތުން ކަމުގައިވީހިނދު އަޅުގަނޑުމެންނަކީ މުރުއްވަތްތެރި އަޚްލާޤެއްގެ ވެރި ބަޔަކަށް ވާންޖެހޭ. އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ޤަދަރުކުރަން ދަންނަ ބަޔަކަށް ދިވެހީން ވާންޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމަށް ޙުރުމަތްތެރިކޮށް ހިތުމަށާއި އިޚްލާޞްތެރިކަން އިސްކުރުމަށް ކާބަފައިން ދެއްވާފައިވާ މަތިވެރި އިލްތިމާސްތަކާމެދު ފުންކޮށް ވިސްނުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމީ ޖަލްސާގައި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި 113 ބޭފުޅަކަށް ވަނީ ޝަރަފުގެ އިނާމު އަރުވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)