ދިވެހި ބަސް ދިރުވައި އާލާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ: ވަޒީރު ހީނާ

ދިވެހި ބަހުން ފަރިތަކޮށް ވާހަކަނުދެއްކުމާއި، ބަސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމަކީ ޤައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ދިވެހި ބަސް ދިރުވައި އާލާކޮށް ކުރިއެރުވުމަށްޓަކައި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ވަޒީރުން އާންމުންގެ ސުވާލުތަކަށް ސީދާ ޖަވާބުދެއްވުމަށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޒިންމާ އެންމެ ބޮޑަށް ހަވާލުވެފައިވާ ދިވެހި ބަހުގެ އެކަޑަމީން ބަސް ކުރިއެރުވުމަށް ގިނަ މުބާރާތްތަކާއި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. އެގޮތުން ވާހަކަދެއްކުމާއި، ޅެންހެދުމާއި، ކުރުވާހަކައާއި މަޒުމޫނު ލިޔުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު އަލަށް ތައާރަފުކުރި އަތުލިޔުމުގެ ޤައުމީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ބަހުގެ ފަރިތަކަމާއި ކޮށާރު މުއްސަނދިކުރުމަށް ޔުނިވާސިޓީތަކާއި ކައުންސިލްތަކާ ގުޅިގެން މުބާރާތްތަކާއި ބަހުސް ހަރަކާތްތައް ހިންގަމުންދާ ކަމަށާއި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށްވެސް އެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ބަހުގެ ޤަވާއިދު ފޮތެއް އެކުލަވާލުމުގެ 10 އަހަރުވީ މަސައްކަތް ނިމި، އަންނަ ނޮވެމްބަރު މަހު އެ ފޮތް ނެރުމަށް ތައްޔާރުވަމުންދާ ކަމަށާއި، ފުރިހަމަ ރަދީފު އެޕްލިކޭޝަނެއް ތައާރަފުކޮށް ޗާޕުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އީޖާދީ ގޮތްތަކަށް ބަސް ކުރިއެރުވުމަށްޓަކައި އަންނަ އަހަރު ހެކަތޯންއެއް ބޭއްވުމާއި، ޑޭޓާބޭސްއެއް ޤާއިމުކޮށް ދަފްތަރުކުރުމާއި، ބަހާ ގުޅޭގޮތުން ވީޑިއޯ ގޭމް ތަރައްގީކުރުމާއި މަހާސިންތާތައް ބޭއްވުމަށް ރާވާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނުނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ދިރާސާކުރަމުންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)