ރަސްމާލެ މަޝްރޫޢަކީ އިސްލާމްދީނާއި ޤައުމިއްޔަތު ޙިމާޔަތް ކުރެވިފައިވާ މަޝްރޫޢެއް: ހީނާ

ރަސްމާލެ މަޝްރޫޢަކީ އިސްލާމްދީނާއި ޤައުމިއްޔަތު ޙިމާޔަތް ކުރެވިފައިވާ މަޝްރޫޢެއް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި މިއަދު ހިއްސާ ކުރެއްވި މެސެޖެއްގައި ވަޒީރު ހީނާ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާ ފަދަ އަދި ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އަސާސްތަކާ ތަޢާރަޒްވާފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުކުރައްވާނެކަން އެކަމަނާ ޔަޤީން ކުރައްވާ ކަމަށެވެ.
ހީނާ ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތުގެ ރަތް ރޮނގު ވަރަށް ފަލަކޮށް ދަންމަވާފައި ކަމަށެވެ.
ވަޒީރު ވިދާޅުވީ އިސްލާމީ ވަޙްދަތު ފުޅާކޮށް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ޤައުމީ މަަސައްކަތް އެހެން އެއްވެސް ސަރުކާރެއްގައި ނުކުރާ މިންވަރަށް އިސްކަން ދެއްވައިގެން ކުރައްވަނީ ރައީސް ޑރ މުޢިއްޒު ކަމަށެވެ.
"ރަސްމާލެ އިންވެސްޓްމެންޓަކީ ހުރިހާގޮތަކުންވެސް މިދެންނެވި ކަންކަން ރައްކާތެރިކޮށް ޙިމާޔަތް ކުރެވިފައިވާ މަޝްރޫޢެއް." ހީނާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ހީނާ އިތުރަށް ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންވެސް ކަންކަމުގެ ހަޤީޤަތް އޮޅުވާލުމަކީ ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި އެއީ ޒިއްމާދާރުކަން ކުޑަ ފިތުނަވެރި ކަމެއް ކަމަށެވެ.
އެކަމަނާ ވަނީ އަމިއްލަ އެދުމަށްވުރެ ޤައުމު އިސްކުރެއްވުމަށް ގޮވާލައްވައިފައެވެ.
ފުށިދިއްގަރު ފަޅުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލެއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށެވެ. މި ރަށުގައި މެރީނާއެއް ތަރައްޤީކޮށް ހިންގަން، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އަބޫދާބީގައެވެ.
އިތުރަށް





.gif.gif&w=828&q=100)