މުންދު ވިދާޅުވީ ރަސްމާލެ މައްސަލައިގައި އިމްރާނާ ކުރާނެ މަޝްވަރާއެއް ނެތްކަމަށް

ރަސްމާލެ މައްސަލައިގައި ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ އާ ކުރާނެ މަޝްވަރާއެއް ނެތްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.
މުންދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅިގެން ސަރުކާރުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށާއި، އޭނާއަކީ އިތުބާރު ހުރި ބޭފުޅެއް ނޫން ކަމަށެވެ.
އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން އެދޭނެ ކަމަށް ބުނެފައިވާތީ، އެކަމާ ގުޅޭގޮތުން ”ސަންގު“ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ޝައިޚް އިމްރާނަކީ މިހާރު ދައުލަތުގެ ނުވަތަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަސްމީ މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށާއި އަދި އޭނާއަކީ މަރްޙޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ވެސް ލިޔެކިޔުންތަކެއް ދައްކަވައި، ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތެއް ކަމަށާއި، އެހެންކަމުން އޭނާއަކީ އިތުބާރު ހުރި ބޭފުޅެއް ކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ.
މުންދު ވިދާޅުވީ މި މައްސަލައިގައި ސިޔާސީ ޕާޓީއަކުން ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުށަހަޅައިފިނަމަ، އެކަމާމެދު ސަރުކާރުން ވިސްނާނެކަމަށެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮންމެ ކަމެއްގައި ވެސް އުސޫލުގެ ތެރެއިން ސަރުކާރާ ބައްދަލުކުރެވޭނެ ކަމަށާއި، އާންމު ރައްޔިތުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމުގެ ފުރުސަތުތައް ސަރުކާރުން ހުޅުވާލާފައިވާ ކަން މުންދު ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މިހާތަނަށް ކަންކަން ސާފުކުރުމުގެ ބަދަލުގައި ސިޔާސީ ޕޯޑިއަމްތަކަށް އަރައި މަސައްކަތް ކުރަމުންދަނީ ކަންކަން އޮޅުވާލަން ކަމަށާއި ބޮޑެތި މަޝްރޫއުތައް ހިންގާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެކަން ސަރުކާރުން ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް މި މައްސަލައިގައި ފެންނަނީ ޙަޤީޤަތް ހޯދުމުގެ ބަދަލުގައި ރައްޔިތުންނަށް ކަންކަން އޮޅުވާލަން ބަޔަކު މަސައްކަތްކުރާ މަންޒަރު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ޝައިޚް އިމްރާން ކުރައްވާ އަމިއްލަ ގޮވާލުންތަކަށް ސަރުކާރުން މަޝްވަރާ ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ ތަރައްޤީކުރަން ޔޫއޭއީގެ އީގަލް ހިލްސްއަށް ހަވާލުކޮށްފައިވާ މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފްގެ މަންދޫބުންނާއެކު ޝައިޚް އިމްރާން އަބްދުﷲ އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)