ރަސްމާލެ މަޝްރޫޢު- ޢަބްދުއްރަޙީމްގެ ސުވާލުތަކެއް ރައީސް ޔާމީނަށް

ރަސްމާލެ މަޝްރޫޢުއާއި ގުޅުވައިގެން ރައީސް ޔާމީން ދައްކަވާ ވާހަކަތަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲގެ ސުވާލުތަކެއް ރައީސް ޔާމީނަށް އަމާޒުކުރައްވައިފިއެވެ.
ޢަބްދުއްރަޙީމް ސޯޝަލްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ސަޢުދީގެ ކުންފުންޏަކުން، ފ.އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިސްވެ އޭރު ކުރި މަސައްކަތާ ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން މި އުޅޭ ބިޔަ މަޝްރޫޢަށް ހުރަސް އެޅުމަށް މިއަދު ރައީސް ޔާމީނު އިސްވެހުރެ އެމްޑީޕީއާ ގުޅިގެން ކުރައްވަމުން ގެންދާ މަސައްކަތާ ހުރީކޮން ތަފާތެއްތޯ ސުވާލު ކުރައްވައިފައެވެ.
ޢަބްދުއްރަޙީމްގެ ދެވަނަ ސުވާލަކީ އޭރު ރައީސް ޔާމީން އެ ދެއްކެވި ވާހަކަޔާ މިއަދު އެ ދައްކަވާ ވާހަކަޔާ ދިމާވަނީ ކިހާވަރަކަށްތޯއެވެ.
އޭރު ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ވެރިކަމުގެ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުންނަށް ޣައްދާރުވީކަމަށް ކަމަށާއި މިއަދު ހަމަ އެ ދަހިވެތިކަމުގައި އެ މަނިކުފާނަށް އެ ޣައްދާރުވެވެނީ ޤައުމާ ރައްޔިތުންނަށް ނޫންތޯ؟ ޢަބްދުއްރަޙީމް ސުވާލު ކުރައްވާފައިވެއެވެ.
"ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭކަމެއް ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައި ނުގަންނަ ހިސާބަށް ދިޔައީތޯ؟ ބަލަގަ ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަޞައްރުފު ފުދިފައި ތިބި މާ ހަރުދަނާ ބައެއް. ގައުމާ މެދު ވިސްނާ ފިކުރުކޮށް ރަނގަޅާ ނުބައި ވަކިކުރަން ދަންނަ ބައެއް." ޢަބްދުއްރަޙީމްގެ މެސެޖުގައި ސުވާލު ކުރައްވާފައިވެއެވެ.
ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ މާތްاللهގެ ތަނަވަސް ރަޙުމަތްފުޅުން ރަސްމާލޭގެ މަޝްރޫޢު ނުހުއްޓުވޭނެ ކަމަށާއި ރައީސް ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގައި ލަހެއްނުވެ މި ބިޔަ މަޝްރޫޢު ފެށިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްދާނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން ކަމަށާއި މުސްތަޤްބަލުގައި މީގެ ފުރިހަމަ ފައިދާ ދިވެހީންނަށް ލިބިގެންދާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ދިވެހީން ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްޤީ ކަމަށާއި ޝިޢާރަކީ "އެންމެ ފުރަތަމަ ޤައުމު" ކަމަށް ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)