މީހުން ދޭ ފައިސާގައި ރައީސަކަށް ހުންނަ މީހަކު ހިފުން މަނަލެެއް ނޫން: ޔާމީން

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދޭނެ ކަމަށާއި އެ ފައިސާގެ މުގާބިލުގައި ވަކި ކަމެއް ނާޖައިޒު ގޮތުގައި ނުކޮށްދޭ ހާލަތުގައި އޭގައި ހިފުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުމުގަ އެވެ.
މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރަކީ ޔާމީނަށް އެކި ގޮތްގޮތުން ލިބިފައިވާ ރުފިޔާ މާރުކޮށްގެން ހޯދި ފައިސާ ކަމަށް ދިފާއުގައި ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންވެ، ދައުލަތުން ވަނީ ވިޔަފާރިކުރުން މަނާކޮށްފައިވާއިރު، ރައިސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން އެހާ ގިނަ ފައިސާ ހޯއްދެވި ގޮތަކާ މެދު ސުވާލު އުފައްދަމުންނެވެ.
ހުލާސާ ބަޔާން އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އަމަލީ ގޮތުން ވިޔަފާރި ނުކުރެއްވި ނަމަވެސް، ތަންތަން ކުއްޔަށް ދީގެންނާއި އެހެން ގޮތްގޮތުން ވެސް އާމްދަނީ ހޯދޭ ކަމަށެވެ. އަދި، ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެ މަނިކުފާނުގެ އަތްޕުޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިކަން މާލީ ބަޔާންތަކުން ވެސް ފެންނަން އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އޭގެ އިތުރުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާއިރު، ދެވަނަ ދައުރެއް ދޭން ގާބިލްކަމަށް ދެކޭ ހެޔޮއެދޭ ފަރާތްތަކުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެގޮތަށް ލިބޭ ފައިސާއަކީ ސިޔާސީ ގޮތުން، ސިޔާސީ މީހަކަށް ވީތީ ލިބޭ ފައިސާ ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އެ ހުރިހާ ފައިސާއަކީ ސިޔާސީ ޕާޓީއަށް ދޭން ޖެހޭ ފައިސާއެއް ވެސް ނޫން ކަމަށެވެ.
ޝަރީއަތުގައި ދިފާއީ ވަކީލުންނާއި ރައީސް ޔާމީން ވަނީ ދައުލަތުން މައިގަނޑު ހެކިންގެ ގޮތުގައި ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަހުގެ ސައްހަކަމާމެދު ސުވާލު އުފައްދަވާފައެވެ. ވަކީލުން ފާހަގަކުރެއްވި ގޮތުގައި އެ ދެ ބޭފުޅުންނަކީ ދައުލަތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ލުއިތަކެއް ހޯދައިގެން ތިބި "ފާސިގުން" ކަމަށްވާތީ، އެ މީހުންގެ ހެކިބަހަށް ބުރަދަންދީގެން ކުށް ސާބިތެއް ނުކުރެވޭނެއެވެ.
މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގާފައިވަނީ ރައީސް ޔާމީންގެ އިރުޝާދުގެ މަތިން ކަމަށެވެ. ނަމަވެސް ދިފާއީ ވަކީލުން ވަނީ ފުއްގިރި މުއާމަލާތާ ގުޅޭގޮތުން ރިޝްވަތު ދިން ކަމަށް ބުނާ ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންގޮސް، ސަންގެ ދެ ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވުމުންވެސް އިސްތިއުނާފު ނުކޮށް، ހަމައެކަނި ރައީސް ޔާމީނަށް ދައުވާ ކުރާތީ ދައުލަތުގެ ނިޔަތާމެދު ސުވާލު އުފައްދަވާފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިހާރު މުޅިން ނިމިފައިވާއިރު، މައްސަލަ ބައްލަވާ ގާޒީ ވަނީ މި މަހުގެ 29 ވަނަ ދުވަހު ހުކުމް އިއްވުމުގެ މަޖިލިސް ބާއްވާނެކަން އިއުލާންކުރައްވާފައެވެ.
އިތުރަށް





.gif.gif&w=828&q=100)