logologologologo
STO
ޚަބަރު

ރަސްމާލޭގައި އިސްރާއީލް މީހުން އާބާދުވުމަށް އެއްވެސް ފުރުސަތެއް ނެތް: މުއްޠަލިބް

ރަސްމާލޭގައި އިސްރާއީލް މީހުން އާބާދުވުމަށް އެއްވެސް ފުރުސަތެއް ނެތް: މުއްޠަލިބް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 13

ރަސްމާލޭގައި އިސްރާއީލް މީހުން އާބާދުވުމަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމްކުރަން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް، ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުުކުރައްވައި، އެފަދަ ކަމެއް ވިޔަނުދޭނެ ކަމަށް ވިދާޅުވެ ރަސްމާލޭގައި ޔަހޫދީން އާބާދު ވިޔަ ނުދޭން ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ ލިސްޓެއް އެމަނިކުފާނު ވަނީ އާންމުކުރައްވައިފައެވެ.

މުއްޠަލިބްވިދާޅުވީ، ރަސްމާލޭގައި ޔަހޫދީންގެ އާބާދީއެއް "އުފައްދާނެ" ކަމަށް ބުނެ އުފައްދާ ބިރަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބައެއް މީހުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކުގެ ބޮޑު ބަޔަކީ ރަސްމާލޭގެ ބިން އަގުކުރާ ގޮތާއި ކުއްޔަށް ދިނުމުގެ އުސޫލުތަކާ މެދުގައެއް ނޫނެވެ. އެ ކަންބޮޑުވުންތައް އޮތީ ފަލަސްޠީނާ މެދުގައި ކަމަށާއި ފަލަސްތީނު މީހުންނަށް ލިބެމުންދާ އަނިޔާއަކީ އޭނާ ވިދާޅުވިގޮތުގައި އިސްތިސްނާއެއް ނެތި އެންމެހާ ދިވެހިންނަށް ފުންއަސަރު ކުރުވާ ކަމެކެވެ. 

އެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބު ދޭންޖެހޭ ކަމަށާއި އެކަމަށް އަަޅާނުލައި ދޫކޮށްލައިގެން ނުވާނެ ކަަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ އިސްރާއީލުގެ އެއްވެސް މަސްލަޙަތެއް ރަސްމާލެ މަޝްރޫއުގެ ތެރެއަށް ނުވަދެވޭނެކަން ކަށަވަރު ކުރުމަށްޓަކައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް ތަފްސީލް ކޮށްދެއްވައިފައެވެ.

  • ޕްރޮޕަޓީއެއް ގަނެ ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި އިޒްރޭލުގެ ބައިވެރިވުން މަނާކުރުން: މުދާ ގަންނަ ފަރާތެއްގެ ގޮތުގައި، ހަގީގީ މަންފާ ލިބޭ ވެރިއެއްގެ (ބެނެފިޝަލް އޯނަރު) ގޮތުގައި، ހިއްސާދާރެއް ނުވަތަ ފައިނޭންސްކުރާ ފަރާތެއްގެ ގޮތުގައި ވެސް އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އަދި އެ ޤައުއުމުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ބައިވެރި ނުވެވޭނެ ގޮތް ސަރުކާރުން ހަދާނެއެވެ.
  • ނިސްބަތްވާ ހުރިހާ ޤައުމުތަކެއް ހާމަކުރުން ލާޒިމުކުރުމާއި މުދާ ދައުލަތަށް ނެގުން: ޕްރޮޕަޓީއެއް ގަންނަ ކޮންމެ މީހަކު ވެސް އެ މީހަކު ނިސްބަތްވާ ހުރިހާ ޤައުމުތަކެއް ސާފުކޮށް ހާމަކުރަންޖެހޭނެ އެވެ. އެއްވެސް މަޢުލޫމާތެއް އޮޅުވާލައިފި ނަމަ އެއްބަސްވުން ވަގުތުން ބާތިލުކޮށް، އެ މުދަލަކާއި ފައިސާ ދައުލަތަށް ނަގާނެ އެވެ. 
  • ދާއިމީ ރަށްވެހިކަން ނުދިނުން: ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުން ވެސް އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި ހަރުދަނާ ސްކްރީނިން މަރުހަލާތައް ހިންގާއިރު ރަސްމާލެ މަޝްރޫއުގެ އެއްވެސް އިންތިޒާމެއްގެ ދަށުން ރާއްޖޭގެ ދާއިމީ ރަށްވެހިކަމެއް ނުވަތަ ރައްޔިތުކަމެއް ނުދޭނެއެވެ.
  • ބިމުގެ ދާއިމީ މިލްކުވެރިކަން ދިވެހިންނަށް އެކަނި އޮތުން: ބިން ދާއިމީކޮށް މިލްކުވާ (ފްރީހޯލްޑް) އުސޫލުން ރަސްމާލޭގެ އެއްވެސް ތަނެއް އެއްވެސް ބޭރު ފަރާތަކަށް ދުލެއް ނުކުރާނެ އެވެ. ކުލީގެ މުއްދަތު ދާއިމީވާނެ އެއްވެސް ޖާގައެއް ވެސް  ނުދޭނެއެވެ.
  • ދިވެހި ރައްޔިތުންނަށް އިސްކަންދިނުން: މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގެ ދަށުން އިމާރާތްކުރާ ޔުނިޓްތައް، ދިވެހި ރުފިޔާއިން އަގުދައްކާ ގޮތަށް ގަތުމުގެ ފުރަތަމަ ފުރުސަތު ދިވެހިންނަށް ދޭނެއެވެ.

މުއްތަލިބު ވިދާޅުވީ "ޒަޔަނިޒަމް ޕްރޮޖެކްޓް" އަކީ ތާރީޚީ ގޮތުން ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން ހިންގާ ކަމެއް ކަމަށާއި މުޅި އެ ޙަރަކާތުގެ އަމާޒަކީ އެހެން ޤައުމުތަކުން ޔަހޫދީން ގެންގޮސް ފަަލަސްޠީނުގައި ވަޒަންވެރިކުރުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އިސްރާއީލުގެ އާބާދީތައް ފަތުރާލާފައި ވަނީ އަސްކަރީ ބާރު ބޭނުންކޮށްގެން ގަދަކަމުން އަތުލައި، ބާރުގެ ބޭނުންކޮށްގެން ދަމަހައްޓާ ސަރަހައްދުތަކުގައި. [އެއީ] ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ގޯލާންގެ އުސްބިންތަކާއި މިސްރަށް އަނބުރާ ދޫކޮށްލުމުގެ ކުރީގައި ސީނާ [ސަހަރާ]،" ލިއުމުގައި މުއްތަލިބު ވިދާޅުވި އެވެ.

ސަރަަހައްދީ ރޮނގު އަމިއްލައަށް ބަަލަހައްްޓައި ވިސާ އާއި ބިން އަމިއްލައަށް ކޮންޓްރޯލްކުރާ މިނިވަން ގައުމަކުން ބޭރު މީހުން "ސެކަންޑް ހޯމް" ގެ ގޮތުގައި ގެ ގަތުމާއި ދިގުމުއްދަތަށް ކުއްޔަށް ހިފުން ފަދަ ކަންތައްތަކުގެ ތެރެއިން ތަނެއް އަތުލި ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް ވެސް  ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދުނިޔެއަށް މިހާތަނަށް ފެންނަން އޮތީ މިހެން ކަމަށް ވާއިރު މި ނޫން ގޮތަކަށް ވާހަކަ ދައްކައި، މީހުން އެ ކުރާ ކަަމަކީ ވުޖޫދުގައި ނެތް ބިރެއް އުފެއްދުން ކަމަށާއި އަދި އެ ކުރާ ކަމަކީ ފަލަސްޠީނުގެ މީހުންގެ ޤުރުބާނީ އާއި ދިވެހިންގެ އިހުސާސްތައް ފަލަސްޠީނު މީހުންގެ ބަހެއް ނެތި ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދުން ކަމަށެވެ.

ރަސްމާލޭ މެރީނާ މަޝްރޫއާ އެކު، ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމްކޮށްފާނެ ކަމުގެ ކަންބޮޑުވުން ނެތް ދެވަނަ ސަބަބެއްގެ ގޮތުގައި ލިޔުމުގައި މިނިސްޓަރު ފާހަގަކުރެއްވީ އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާކޮށްފައި އޮތުމެވެ. އަދި އެއީ ކުރީގެ އެއްވެސް ސަރުކާރަކުން އަޅާފައި ނުވާ ފިޔަވަޅެއް ކަަމާއި މި ސަރުކާރުން އެ ފިޔަވަޅު އެޅީ އެކަން އެގޮތަށް ނުކުރަން ފިއްތުންތައް ކުރިމަތިކުރަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްޠަލިބް ވިދާޅުވީ އިސްރާއީލު ޕާސްޕޯޓް މަނާކުރި ސަރުކާރުން، ޕްރޮޕަޓީ ޑީލެއްގެ ތެރެއިން ސިއްރުން އެ ސިޔާސަތު ކޮމްޕްރޮމައިޒް ކުރާނެ ކަމަށް ބުނުން އެއީ ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ. ރާއްޖޭގައި މަނާކޮށްފައިވަނީ އިސްރާއީލު ޕާސްޕޯޓް ކަމަށާއި އެހެން ޤައުމުތަކުގެ ޕާސްޕޯޓްގައި އިސްރާއީލް މީހުން މިހާރު ވެސް ރާއްޖޭގެ ކޮންމެ ރިސޯޓަކަށް ވެސް އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންވެ، އެއީ ހަމައެކަނި ރަސްމާލޭން އުފެދޭނެ ފުރުސަތެއް ނޫންކަން ފާހަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ ރާއްޖޭގެ ޤާނޫނުތަކަށް ތަބާވާނެ ކަމަށް އީގަލް ހިލްސް އިން ބުނެފައިވާ ކަމަށެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް