logologologologo
STO
ޚަބަރު

ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސަކަށް ވަޒީރު ހީނާ އިންތިޚާބުވެއްޖެ

ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސަކަށް ވަޒީރު ހީނާ އިންތިޚާބުވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 11

ކޮންގްރެސް ޕާޓީ، ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސަކަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު އިންތިޚާބުވެވަޑައިގެންފިއެވެ.

މި މަހުގެ 15 އިން 18 އަށް ޕީއެންސީގެ މަތީ މަޖިލީހުގައި ޕާޓީގެ އިސް މަޤާމުތަކަށް މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، އެ ޕާޓީން ވަނީ މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިޢުލާނު ކުރައްވައިފައެވެ.

ޕީއެންސީން ކުރި އިޢުލާނުގައި ވަނީ ވޯޓަކާ ނުލައި އިންތިޚާބުވި މަޤާމުތަކާއި ބޭފުޅުންގެ ނަންތައް ވެސް އިޢުލާނުކޮށްފައެވެ.

މިގޮތުން ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަޤާމަށް ވަޒީރު ހީނާ އިންތިޚާބުވީ އެ މަޤާމަށް އެކަމަނާ އެކަނި ކުރިމަތިލައްވައިގެންނެވެ. މީގެއިތުރުން އަންހެނުންގެ ހަރަކާތުގެ ބައެއް އެހެން މަޤާމުތަކަށް ވެސް ވޯޓަކާނުލައި މެމްބަރުން އިންތިޚާބުވެފައިވެއެވެ.

އޭގެތެރޭގައި އަންހެނުންގެ ހަރަކާތުގެ ނައިބު ރައީސް އައިމިނަތު ހުސެއިން ޝަރީފް، އަންހެނުންގެ ހަރަކާތުގެ ސެކްރެޓަރީ އައިމިނަތު ނާސިހާ އަދި އަންހެނުންގެ ހަރަކާތުގެ ހަޒާންދާރު އައިމިނަތު ޝިޒުލީން ހިމެނެއެވެ.

ޕާޓީގެ ނާއިބު ރައީސުންގެ މަގާމަށް 6 ބޭފުޅަކު އިންތިޚާބު ކުރަން ހަމަޖެހިފައިވާއިރު، އެ މަގާމަށް 8 ބޭފުޅަކު ވާދަ ކުރައްވައެވެ. އޭގެތެރޭގައި ވަޒީރު އަބްދުﷲ ރާފިއު، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު، ވަޒީރު އަޙުމަދު ޝިޔާމް، އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް އަދި ވަޒީރު މުޙައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.

ޕާޓީގެ މެމްބަރުންގެ މަޖިލީހަށް އިންތިހާބުކުރާ 10 އަންހެން މެމްބަރުންގެ މަގާމަށް 22 ބޭފުޅަކު ކުރިމަތިލެއްވިއިރު މެމްބަރުންގެ މަޖިލީހަށް އިންހާބުކުރާ ހަތް ޒުވާން މެމްބަރުންގެ މަގާމަށް 13 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ. މީގެއިތުރުން މެމްބަރުންގެ މަޖިލީހަށް އިންތިހާބުކުރާ 18 އާންމު މެމްބަރުންގެ މަގާމަށް 73 ބޭފުޅުން ކުރިމަތިލައްވާފައިވެއެވެ.

ޕީއެންސީގެ އެންމެ މަތީ ވެރިޔަކީ ނުވަތަ ޕީއެންސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް