އިޙްތިރާމް ކުރުމުގެ މަޝްރޫޢަކީ އިންސާނީ ބިނާކުރުމަށްޓަކައި ދިވެހި ވެރިޔަކު ފެއްޓެވި އެންމެ ބޮޑު މަސައްކަތް: ހީނާ

އިޙްތިރާމް ކުރުމުގެ ޤައުމީ މަޝްރޫޢަކީ އިންސާނީ ބިނާކުރުމަށްޓަކައި، ޤައުމުގެ ކުރިއެރުމަށްޓަކައި ދިވެހި ވެރިޔަކު ފެއްޓެވި އެންމެ ބޮޑު މަސައްކަތް ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޤައުމަކަށް މޮޅާއި ލާބަ ލިބެނީ އެބައެއްގެ ތެރޭގައި އަށަގެންފައިވާ އަޚުލާގީ ސިފަތައް ހުރި ނެތް ގޮތަކުންކަމަށެވެ.
ހީނާ ވިދާޅުވީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއެއް ފެއްޓުވުމަށް ނިންމެވީ ޒަމާނުންސުރެ ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އަދަބު އަޚްލާޤުގެ ރިވެތި މިންގަނޑުތައް މުޖުތަމަޢުގައި އަލުން އަށަގެންނެވުމުގެ ބޭނުމުގައި ކަމަށެވެ.
ވަޒީރު ވިދާޅުވީ، މި މަޝްރޫއު ފައްޓަވައިދެއްވަނީ ދިވެހި ލޮބުވެތި ވަތަނާއި އަންނަން އޮތް ޖީލުތަކުގެ ދެމި އޮތުމަށްޓަކައި ކަމަށެވެ. މިއީ ދިވެހި ވެރިއަކު ޤައުމުގެ ކުރިއެރުމަށްޓަކައި އިންސާނީ ބިނާކުރުމަށްޓަކައި ފެއްޓެވި އެންމެ ބޮޑު މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ފުޅާދާއިރާއެއްގައި އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ކުރިއަށްދާއިރު މާޒީއަށާއި މިއަދުގެ ޙާލަތައް ބަލާލުން މުހިންމު ކަމަށާއި އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިންނަކީ، އަބަދުވެސް ރިވެތި ޙަޟާރަތެއްގެ ބައެއްކަމަށާއި ޙަޟާރަތެއްގެ ވެރިބައެކޭ ދަންނަވަނީ ހަމައެކަނި ފެންނަން ހުންނަ އިމާރާތްތަކާއި، މަގުތަކާއި، ފަންނާއި ހުނަރުތަކުން ނޫންކަމަށާއި ހަޟާރަތެއްގެ ވެރި ބަޔަކަށް ވެގެން އައުމުގެ ބިންގަލަކީ، އެބައެއްގެ އަޚުލާގުކަމަށް ވަޒީރު ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ އަދަބާއި އިޙްތިރާމަކީ އިންސާނީ މުޖުތަމަޢެއްގެ ފުރާނަ ކަމަށާއި އެގޮތުން އެއީ އިންސާނީ އެންމެ ފުނުން އުފެދޭ އަޚުލާޤީ ރިވެތި ރޫޙެއް ކަމަށާއި، އެހެން މީހުންގެ އިހްސާސްތަކަށް ހިތް ހުޅުވާލާ، އެހެން މީހުންގެ ޙާލަތު ހިތަށް ގެނެސްގެން ބަލައިގަންނަ ބަލައިގަތުމެއް ކަމަށެވެ. އިޙުތިރާމްއަކީ އަނެކާގެ އިންސާނިއްޔަތު ކަމަށްދެވޭ އެންމެ ފުރިހަމަ ޤަދަރާއި ލޯބި ކަމަށާއި، މިފަދަ ޤަދަރާއި ލޯތްބަކީ ގުޅުން އުފެދުމާއި އިތުބާރު ޤާއިމްވުމާއި ހިތްފަސޭހަކަމަށް މަގުދައްކައި ބާރު އަޅާކަމެއްކަމަށް ހީނާ ވިދާޅުވިއެވެ.
"އިޙްތިރާމް ކުރުމުގެ މަތިވެރި އަސާސްތައް ފެށިގެން އަންނަނީ އަމިއްލަ ނަފްސައް ބާރުފޯރުވާއި އަނެކާގެ އިންސާނީ ކަރާމާތް ޤަބޫލްކުރާ ހިސާބުން. އިޙްތިރާމްއަކީ ފައިސާއިން އަގުނުކުރެވޭ ކޮނޑުއަޅައިގެން ނުއުފުލޭ ދުލުން ބަޔާން ނުކުރެވޭ، ހިސާބުން އަދަދު ނުކުރެވޭ ހަދިޔާއެއްކަމަށް. މިއީ އިންސާނާގެ ރީތިކަމުގެ ސިފަތަކުން އެންމެ ރީތި ސިފަ. މި ސިފަތައް ލިބިފައިވާ ފަރުދުންގެ މައްޗަށް އެކުލެވޭ ޤައުމީ މުޖުތަމައުވާނީ ކޮންފަދަ ނަސީބުވެރި މުޖްތަމައުއަކަށްތޯ" ހިނާ ވިދާޅުވިއެވެ.
ވަޒީރު ހީނާ ވަލީދު ވަނީ، ކޮންމެ މީހަކީވެސް އިޙުތިރާމް އަދާކުރާ މުޖުތަމައުގެ ބައިވެރިއަކަށްވުމަށް އެދިލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފުތިތާޙު ކޮށްދެއްވާފައިވާ އިޙޤތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މަޤުޞަދަކީ، މުޖުތަމަޢުގެ އެކި ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމާއި އެކަކު އަނެކަކަށް ޤަދަރާއި އިޙްތިރާމްކުރުމުގެ ރީތި ސިފަ ދިވެހިންގެ ހިތްތަކުގައި އަލުން އަށަގެންނެވުމެވެ. ޚާއްޞަކޮށް ޒުވާނުންނާއި، ކުޑަކުދިންގެ މެދުގައި މި އާދަ ހަރުދަނާ ކުރުމެވެ.
އިތުރަށް




.gif.gif&w=828&q=100)