logologologologo
STO
ޚަބަރު

އަޒާން ޔާމީނަށް: ބިން މިލްކުވާ ގޮތަށް ފާފު އަތޮޅު ދޭން އުޅުން ވީ ވިޝަނަރީ ކަމަކަށް، މިހާރު ރަސްމާލެ ގޯސްވީ

އަޒާން ޔާމީނަށް: ބިން މިލްކުވާ ގޮތަށް ފާފު އަތޮޅު ދޭން އުޅުން ވީ ވިޝަނަރީ ކަމަކަށް، މިހާރު ރަސްމާލެ ގޯސްވީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 13

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ބިން މިލްކުވާ ގޮތަށް ފާފު އަތޮޅު ވިއްކާލަން ގާނޫނުއަސާސީ ބަދަލުކުރެއްވިއިރު އެއީ "މެގަ އިންވެސްޓްމަންޓް" އަކަށްވެފައި، މިހާރު ރަސްމާލެ މަޝްރޫއާ ދެކޮޅު ހެއްދެވުމުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރާއްޖެއަށް އަންނަން އޮތް ބޮޑު އިންވެސްޓްމަންޓް ހުއްޓުވުމަށް އިދިކޮޅު އެމްޑީޕީއާއި ޕީއެންއެފް ގުޅިގެން ބޭއްވި އެއްވުމުގައި ޔާމީން ވަނީ، އީގަލް ހިލްސްއަށް ރަސްމާލެ ދީފިނަމަ އެތަން އަނބުރާ އަތުލާނެ ކަމަށާއި، އެ ކުންފުންޏަށް އެއްވެސް ބަދަލެއް ވެސް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، ރައީސް ޔާމީން ފާފު އަތޮޅު ވިއްކާލައްވަން ބޭނުންފުޅުވުމުން ގާނޫނުއަސާސީއަށް ވެސް ބަދަލު ގެންނެވި ކަމަށެވެ. އޭރު އޮތް ގޮތުން ވަކި އަދަދަކަށް އިންވެސްޓް ކުރުމަށްފަހު، ބިމުގެ 70 އިންސައްތަ ހިއްކުމުން އެ ބިމުގެ ފުރިހަމަ މިލްކުވެރިކަން (ފްރީހޯލްޑް) އިންވެސްޓަރަށް ލިބޭ ކަމަށާއި، އޭގެ ފަހުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވެސް އެ ބިން ވިއްކާލުމުގެ އިޚްތިޔާރު އޮތްކަން އަޒާން ފާހަގަކުރެއްވިއެވެ. އޭރު އެކަން ވެފައި އޮތީ ވަރަށް ރަނގަޅު، "މެގަ އިންވެސްޓްމަންޓް" އަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޒާން އިތުރަށް ވިދާޅުވީ، ޔާމީން މިހާރު ދެކޮޅު ހައްދަވާ ރަސްމާލެ މަޝްރޫއުގައި ބިމުގެ ފުރިހަމަ މިލްކުވެރިކަން ދިނުމެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާފައިވާ އިމިގްރޭޝަން ބިލާއި ރިއަލް އެސްޓޭޓް ބިލުގެ ސަބަބުން ވެސް ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން އަޒާން ވިދާޅުވީ، ވެރިކަމުގައި ހުންނެވިއިރު އިންވެސްޓަރުންނަށް ބިމުގެ ފުރިހަމަ މިލްކުވެރިކަން ދިނުން ވީ ދުރުވިސްނޭ "ވިޝަނަރީ" ކަމަކަށް ކަމަށާއި، ނަމަވެސް މިހާރު އެފަދަ މިލްކުވެރިކަމެއް ނުލިބޭ ގޮތަށް ކުރިއަށްގެންދާ އިންވެސްޓްމަންޓެއް މައްސަލައަކަށް ވެފައިވާ ކަމަށެވެ. އަދި މިއީ ވަރަށް "އަމިއްލަ އެދުމަށް ބައްޓަންކޮށްފައިވާ އުސޫލުތަކެއް" ކަމަށް ވިދާޅުވެ އަޒާން ވަނީ ޔާމީންގެ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް