ޔާމީން އެވެ، މަނިކުފާނު "ކަރަށް ފައިން" އެރި ބޭފުޅުން އެ ތިއްބެވީ އަރިހުގައި ގަދަކޮށެވެ، ނޭނގެނީ މަނިކުފާނަށެވެ !

2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އެންމެ ގިނައިން އަޑު އިވިގެންދިޔައީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކޮރަޕްޝަނުގެ އަނިޔާވެރިކަމުގެ ވާހަކައެވެ. ހައްތަހާވެސް ތުހުމަތެވެ. އެ ހުރިހާ ވާހަކައެއް ދެއްކެވީ އެމަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ 2 އަހަރު ދުވަހު ވަރަށް އަރިހުގައި ގެންގުޅުއްވުމަށްފަހު ދުރުކުރެއްވި ބޭފުޅުންނެވެ. މިހެން އަޅުގަނޑު ދެންނެވީމާ އެއީ ކޮން ބައެއްކަން ނޭނގޭ ދިވެއްސެއް ނުހުންނާނެ އެވެ.
ޕީއެންއެފުގެ ޖަލްސއާތަކުގައި ޔާމީންގެ ކަނާތް ފަރާތުގައި ޖަމީލް އިންނެވިއްޔާ، ވާތް ފަރާތުގައި އިންނަވަނީ ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. އެއާ ޖެހިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. އެ ބޭފުޅުންނާ އެއް ސަފެއްގައި އެމްއެންއެޑީއެފްގެ ކުރީގެ ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) އެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގައި ބޭރުކޮށްލާ އެހެލާ ހެދި މީހުންނެވެ. އެބޭފުޅުންގެ ވިޔާނުދާ ވާހަކަ ދެއްކެވީ ސީދާ ޔާމީނެވެ. އަބްދުއްރަހީމެއް ފަލާހެއް ނޫނެވެ.
ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަމުގެ މަގާމުގައި މަލީހު ހުންނަވަނިކޮށް، ކުއްލި ގޮތަކަށް އޭނާ މަގާމުން ވަކި ކުރެއްވީ ވެސް ސީދާ ޔާމީނެވެ. އެއާއެކު، ދެން ފެނުނީ މަލީހު ވެސް އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅަށް އަޑު އުފުއްލެވި ތަނެވެ. ޔާމީން އާއި އެމަނިކުފާނު ސަރުކާރުގެ ގޯތިތައް ވިއްކައިގެން ވިޔަސް، "ކޮރަޕްޝަން ފައިސާ" ހޯދާނެ ކަމަށެވެ.
"ބްރިޖަށް 240 މިލިއަން ޑޮލަރު ހަރަދުވާ ކަމަށް ބުނާއިރު، 70 މިލިއަން ޑޮލަރުން ބްރިޖު އެޅޭ ނަމަ، ސަރުކާރުގެ އިސް ވެރިންގެ ގޯތި ވިއްކައިގެން އެ ފައިސާ ހޯދާނަން. އައިޖީއެމްއެޗްގެ އިމާރާތަށް ހަރަދުވަނީ 25 މިލިއަން ޑޮލަރު ކަމަށްވާ ނަމަ، ބާކީ ހަރަދު ކުރާ 110 މިލިއަން ޑޮލަރު ގޯތި ވިއްކައިގެން ވިޔަސް ހޯދާނަން،" މަލީހް އޭރުގައި ވިދާޅުވިއެވެ.
ނައިބް ރައީސްކަމުން ވަކި ކުރެއްވުމުން ވީޑިއޯ މެސެޖްތަކުގައި ޖަމީލު ޔާމީންގެ ވެރިކަން ސިފަ ކުރެއްވީ ޑިމޮކްރަސީއަށް އޮތް ބިރެއް ގޮތުގައެވެ. ދިވެހި ގައުމަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. މިއަދު ކޭން ބެއްލެވެނީވެސް ޔަމީން އާއި އެއްތައްޓަކުންނެވެ.
"ވެރިއެއްގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ދިވެހި ރައްޔިތުންގެ ތިޖޫރިއަށް ރައްކާތެރިވުން ކަމަށްވާއިރު، އެކަމަށް ރައީސް ޔާމީން ވަނީ ހިޔާނާތްތެރިވެފައި. ރާއްޖޭގެ 165 ފަޅު ރަށްތަކާއި ގިރިތައް ވިއްކަވައި އޭގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބައިތުލްމާލަށް ނުވައްދަވައި އަމިއްލަފުޅު ޖީބަށް އިތުރު ކުރެއްވި ހަމައެކަނި ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން " ޖަމީލް އޭރުގައި ވިދާޅުވިއެވެ.
މިހެން ވިދާޅުވީ ވެސް ޖަމީލެވެ. އަބްދުއްރަހީމެއް ފަލާހެއް ނޫނެވެ.
ނައިބް ރައީސް ކަމުން ވަކި ކުރެއްވުމުން އިނގިރޭސިވިލާތައްވަޑައިގެން އެގައުމުގައި ހުންނަވައިގެން ވީޑިއޯގެ ޒަރިއްޔާ އިން ޔާމީންއަށާއި އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުއްލެވިއެވެ. ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނެވުމަށް ޖަމީލް އިސްކޮށް މަސައްކަތް ކުރެއްވިއެވެ.
ދިވެހި ރައްޔިތުންގެ ޖީބު މުއްސަނދިކުރުމުގެ ބަދަލުގައި ސަރުކާރު ކުންފުނިތަކަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވެ، ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް، ރައްޔިތުންގެ ފައިސާތަކަށް ހިޔާނާތްތެރިވެ، އެ ފައިސާ ޔާމީންގެ އަމިއްލަ އެކައުންޓަށާއި ގެއަށް، ކަޅު އަދި ބޮޑެތި ދަބަސްތަކުގައި އުފުލި ކަމަށް ވިދާޅުވީ ޖަމީލާއި މަލީހެވެ. މިހެން ގޮސް ޔާމީންއާ ދިމާލަށް ނުގޮވާކަށް އެއްޗެއް ނެތެވެ. އެކަމަކު، މިހާރު މިވީ ކިހިނެއް ހެއްޔެވެ؟ ޔާމީން އާއި ޖަމީލް އަލުން މި ގުޅިވަޑައިގަތީ ކީއްވެ ހެއްޔެވެ؟
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޖަމީލާއި މަލީހު ގޮވައިގެން ޔާމީން ދައްކަވާ ވާހަކަ ގަބޫލު ކުރާނެ ބަޔަކު ރާއްޖޭގައި މިހާރު ނެތެވެ. މަލީހާއި ޖަމީލް ބަލައިގަންނަ ބަޔަކު ރާއްޖޭގައި ނޫޅޭކަން ބައެއް މިސާލުތައް ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ގެންނެވި އެއް މިސާލަކީ 17 ވަނަ މަޖިލިހުގެ އިންތިހާބުގައި މަލީހު، ފުވައްމުލަކުގެ މެމްބަރު ކަމަށް ކުރިމަތިލެއްވުމުން ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއެވެ. އަދި 19 ވަނަ މަޖިލިހުގެ އިންތިހާބުގައި އޭރުގެ ޕީޕީއެމްއަށް ތާއީދު ބޮޑު ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވައިގެން ޖަމީލަށް 300 ވޯޓު ވެސް ނުހޯއްދެވުނު ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ފާޑު ވިދާޅުވެފައެވެ.
ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ޖަމީލް އަދި މަލީހު ގޮވާގެން ސިޓިންގ ރޫމް ޖަލްސާގައި ޔާމީން ކުރައްވާ މަސައްކަތަށް އަބްދުއްރަހީމް ވަނީ ސަމާސާ މަޖާޒީ ގޮތަކަށް ރައްދު ދެއްވާފަ އެވެ.
"ދެން އެކަމަކު، ކީއްކުރާނީ. އެމީހަކު އިންނަންވީ މީހަކާތާ އެމީހަކު އިނދެގެން އުޅޭނީ." ސަމާސާ ރާގަކަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަކީ މީހުން ދަސް ނުވުމެވެ. އެއީ ހުދު ޔާމީން ވެސް އިއުތިރާފު ވެވަޑައިގަންނަވާފައިވާ ކަމެކެވެ. އެކަމަށް އަލިއަޅުއްވާ ލައްވަމުން ބާރަށު ދާއިރާގެ މެންބަރު ވިދާޅުވީ އުމުރު ދުވަހު މީހުންގެ ފަލްސަފާ ހޯއްދަވަން މަސައްކަތް ކުރެއްވި ނަމަވެސް، ޔާމީނަށް އެކަން ދަސް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކައިރީގައި ވިދާޅުވީ ލޯންޗު ހާދިސާ ކިޔައިދެމުން، ފަލާހް ވެސް ހުންނަވާނެ. ވިދާޅުވީ ލޯންޗުކޮޅު ޖެޓީއާ ކައިރި ކުރަނިކޮށް ތިމަން މަނިކުފާނު ދެކުނީމޭ ނޫ ކުލައިގެ ޓީޝާޓެއް ތުރު ކުރައްވައިގެން ހުންނެވި ބޭފުޅަކު ދެކޮޅަށް އަވަސް އަވަހަށް ހިނގަމުންދާ ބޭފުޅަކު. އެ ހިސާބުން ތިމަންމަނިކުފާނަށް އެނގިއްޖެއޭ މި ލޯންޗު ގޮއްވާލުމާ ޕާޕާ ހިމެނޭކަން،" ޔާމީންގެ ވެރިކަމުގައި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ހައްޔަރުކޮށް ޖަލު ހުކުމް ވެސް ތަންފީޒު ކުރި ޕާޕާއަށް އިޝާރާތް ކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.
ދައްކަން ދެން އޮތީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދުގެ ވާހަކައެވެ. ރާއްޖޭގައި އެންމެ ބޮޑެތި ކުށްތައް ހިނގައި ދިޔައީ ހުސެއިން ވަހީދު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އިރުގައެވެ. މާލޭގެ މަގުތައް އެންމެ ހަލަބޮލިވި ދުވަސް ވަރަކީ އެއީ ކަމާމެދު ދެބަސްވުމެއް ނެތެވެ. ވައްކަމާއި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް އޭރު އޮތީ އާންމުވެފައެވެ. ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ހާދިސާގައި ވެސް ފުލުހުންގެ ވެރިއަކަށް ހުންނެވީ ހުސެއިން ވަހީދެވެ. އިންޓެލިޖެންސް ރިޕޯޓް ޔާމީން އަށް ނާރުވާ ކަމަށް ވެސް އޭރު އޮތީ އަޑު ފެތުރިފަ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ވެސް ފާހަގަކުރި ގޮތުގައި ޔާމީންގެ ވެރިކަމުގައި ފުލުހުންގެ މުއައްސަސާ އޮތީ ސިޔާސީކޮށްލައިފައެވެ. އޭގެ ސަބަބުން ފުލުހުންނާ ދޭތެރޭގައި އާންމުން ކުރާ އިތުބާރު ކުޑަވިއެވެ.
އަޅުގަނޑު މިވާހަކަ ރައްޓެއްސަކާ ހިއްސާ ކޮށްލުމުން އޭނާ އަޅުގަނޑު ގާތު ވިދާޅުވީ ޔާމީން މި ހައްދަވާ ގޮތަކީ މެނޫ ބެލުމަށްފަހު އަބަދުވެސް އެކައްޗަކަށް އޯޑަރު ދިނުން ކަހަލަ ގޮތެކެވެ. މެނޫ ބަލާ ހިތުދަސްކުރެއްވުމަށްފަހު ވެސް އޯޑަރު ދެއްވަނީ ބޮނޑިބަތަށެވެ.
އިތުރަށް





.gif.gif&w=828&q=100)